މި ހުސްވި 2016 ވަނަ އަހަރު އުތީމު ގަނޑުވަރަށް ރެކޯޑް އަދަދަކަށް މީހުން ޒިޔާރާތްކޮށްފި އެވެ.
ކޮންމެ އަހަރަކުވެސް އުތީމު ގަނޑުވަރު ބަލާލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދަކަށް މީހުން ޒިޔާރާތްކުރެ އެވެ.
ނަމަވެސް މި ދިޔަ 2016 ވަނަ އަހަރު އުތީމު ގަނޑުވަރު ބަލާލުމަށް 7561 މީހުން ޒިޔާރާތްކޮށްފަވެ އެވެ. 2015 ވަނަ އަހަރު ގަނޑުވަރު ބެލުމަށް ޒިޔާރާތްކޮށްފައިވަނީ 5606 މީހުންނެވެ. 2014 ވަނަ އަހަރު 5187 މީހުން ޒިޔާރާތްކޮށްފައިވާއިރު 2013 ވަނަ އަހަރު ޒިޔާރާތްކޮށްފައިވަނީ 5034 މީހުންނެވެ.
ކޮންމެ އަހަރަކުވެސް އެންމެ ގިނައިން މީހުން ޒިޔާރާތްކުރަނީ ބޮޑު ޗުއްޓީއާ ދިމާކޮށެވެ. އެގޮތުން މިދިޔަ އަހަރު ބޮޑު ޑިސެމްބަރުމަހު އެކަނިވެސް 3338 މީހުން ވަނީ ގަނޑުވަރަށް ޒިޔަރާތްކޮށްފަ އެވެ. ނޮވެމްބަރުމަހު ޒިޔާރާތްކޮށްފައިވަނީ 682 މީހުންނެވެ.
މިއީ 2015 ވަނަ އަހަރުގެ ނޮވެމްބަރު ޑިސެމްބަރުމަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެއަހަރު ނޮވެމްބަރުމަހު 458 މީހުން ޒިޔާރާތްކުރިއިރު ޑިސެމްބަރުމަހު ޒިޔާރާތްކޮށްފައިވަނީ 2481 މީހުންނެވެ.
އުތީމު ގަނޑުވަރު ބަލަހައްޓަމުން އަންނަ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހިނގުމާ ހަވާލުވެހުންނެވި އަބުދުލް ލަތީފް އިބުރާހިމު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެހާ ގިނަ ބަޔަކު އުތީމު ގަނޑު ބަލާލުމަށް ޒިޔާރާތްކުރަނީ އެރަށުގެ ލަފާފުރުމަށް އޮތް ދަތިކަން ހައްލުވެގެންދިޔައީމަ ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މިދިއަހަރު އުތީމު ގަނޑުވަރުގެ ބެލުމަށް ޒިޔާރާތް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައިވަ އެވެ
މިދިޔަ އަހަރުގެ ބޮޑު ޗުއްޓީގެ ބައެއް ދުވަސްތަކުގައި އެވްރެޖްކޮށް ދުވާލަކު 200 އާއި 300 ދެމެދުގެ މީހުން ވަނީ އުތީމު ގަނޑުވަރު ބަލާލުމަށް ޒިޔާރަތްކޮށްފަ އެވެ..