twitterviber whatsapp telegramfacebookyoutube instagram
17th July 2025

ޖަލާލުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށް ޔާސީން އާއި ޚާޝިއު

އަބްދުލް ވާހިދު ޙަސަން
Jul 17, 2025

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އަހުމަދު ޔާސީން އިބުރާހިމާއި މުހައްމަދު ޙާޝިއު ހަސަން ހޯދައިފި އެވެ.

ނިމުނު ދިރާސީ އަހަރުގެ ރަންވަނަތައް ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެންމެ މޮޅެތި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަހުމަދު މުހައްމަދެވެ.

މިދިޔަ އަހަރު މަތީ ސާނަވީން ނިންމާ އިމްތިހާނުތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ އަހުމަދު ޔާސީން އިބުރާހިމެވެ. މިދިޔަ އަހަރުގެ ސްކޫލްގެ ކެޕްޓަނުގެ މަގާމުގައި ހުރި ޔާސީން ވަނީ މަތީ ސާނަވީން ގައުމީ ގަދަދިހައެއްގެ ފަހުރުވެރި އެއްވަނަ ހާސިލުކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހާސިލްކޮށްފަ އެވެ.

އަދި އޭނާ ވަނީ ބަޔޮލޮޖީ މާއްދާއިން މުޅި ދުނިޔެއިން 5 ވަނަ އަދި ކެމިސްޓްރީ މާއްދާއިން މުޅި ދުނިޔެއިން 6 ވަނަ ހާސިލުކޮށްފަ އެވެ. މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ކަސްޓަމަރ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޔާސީންއަކީ ދިވެހި ރެޑްކުރެސެންޓްގެ ޔޫތު ކޮމެޓީގެ ވައިސް ޗެއާރޕާސަންވެސްމެ އެވެ.

ސާނަވީން ނިންމާ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އަހުމަދު ޙާޝިއުއަކީ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ ފަހުރުވެރި އެއްވަނަ ހާސިލުކުރި ދަރިވަރެކެވެ.

އަހަރީ އިނާމުދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެކި މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދިނެވެ. އެ ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފް އާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355