އޭލެވެލް އަދި އޯލެވެލް އިމްތިހާނުން ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން ދުނިޔޭގެ ވަނަތަކުގައި ހިމެނި ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިފި އެވެ.
ޖަލާލުއްދީން ސްކޫލްގެ މިދިޔަ އަހަރު އޭލެވެލް އަދި އޯލެވެލް އިމްތިހާނުތަކުގައި ވާދަކޮށް ރަންވަނަ ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް ރޭ އެ ސްކޫލްގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ގިނަ ދަރިވަރުންތަކެއް ވަކި ވަކި މާއްދާތަކުގެ ރަންވަނަތައް ހޯދައިގެން ދުނިޔޭގެ ފެންވަރުގައި ހިމެނިގެންދިޔައިރު ގައުމީ ގަދަ ދިހައެއްގައިވެސް ޖުމްލަ 38 ދަރިވަރުން ހިމެނުނެވެ.
އެއީ މަތީ ސާނަވީން ގައުމީ ގަދަދިހައެއްގައި ހިމެނުނުއިރު 18 ދަރިވަރުންނާއި ސާނަވީ އިމްތިހާނުން ގައުމީ ގަދަދިހައެއްގައި ހިމެނުނު 20 ދަރިވަރުންނެވެ.
މަތީ ސާނަވީ އިން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އަހުމަދު ޔާސީން އިބުރާހިމް ވަނީ ގައުމީ ގަދަ ދިހައެއްގެ ފަހުރުވެރި އެއްވަނަ ހޯދައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހާސިލުކޮށްފަ އެވެ. އަދި އަދި އޭނާ ވަނީ ބަޔޮލޮޖީ މާއްދާއިން މުޅި ދުނިޔެއިން 5 ވަނަ އަދި ކެމިސްޓްރީ މާއްދާއިން މުޅި ދުނިޔެއިން 6 ވަނަ ހާސިލުކޮށްފަ އެވެ.
ސާނަވީން ނިންމާ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އަހުމަދު ޙާޝިއުއަކީ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ ފަހުރުވެރި އެއްވަނަ ހާސިލުކުރި ދަރިވަރެކެވެ.
އަދި މަތީ ސާނަވީ ގައުމީ ގަދަދިހައެއްގައި 18 ދަރިވަރުން ހިމެނުނެވެ. ޔާސީން އާއި ޙާޝިއު ހޯދި ރަންވަނަތަކުގެ އިތުރުން ހައި އެޗީވާސް ސްކޮލަރޝިޕް 6 ދަރިވަރަކުން ހޯދި އެވެ.
އެއީ:
- އަހުމަދު ރަޒާން އާދަމް - 12
- އައިޝަތު ހަނާން އިލްޔާސް – 12
- އައިމިނަތު އަލީ – 12
- އައިމިނަތު ޝިއުމާ އަބުދުއްރަޝީދު – 12
- މަރިޔަމް އިބާދާ އަބޫބަކުރު – 12
- މުހައްމަދު ސާދިން މޫސާ – 12
މަތީ ސާނަވީން ބައިނަލްއަގްވާމީ ފެންވަރުގައި ތިން މާއްދާއަކުން ދެ ދަރިވަރަކު ރަންވަނަ ހޯދި އެވެ. އެގޮތުން ޔާސީން ބަޔޮލޮޖީ މުޅި ދުނިޔެއިން ފަސްވަނަ އާއި ކެމިސްޓްރީ މުޅި ދުނިޔެއިން 6 ވަނަ އަދި ރީޝާން އިބުރާހިމް ވަނީ މުޅި ދުނިޔެއިން އެކައުންޓުން 6 ވަނަ ހޯދާފަ އެވެ.
ސާނަވީ އިމްތިހާނު ނިންމާ ވަކި މާއްދާތަކުން ރާއްޖޭ އެއްވަނަ ހޯދައި ދެ ދަރިވަރަކު ހިމެނެ އެވެ. އެއީ ނަމަދުﷲ ހުސެއިން އާއި މުހައްމަދު ނައުފާން އަލީ ނިފާޒެވެ. ނަމަދުﷲ ވަނީ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް އަދި ފިޒިކްސް އިން 'ޓޮޕް އިން މޯލްޑިވްސް އެވޯޑް' ހާސިލުކޮށްފަ އެވެ.
މުހައްމަދު ނައުފާން އިނގިރޭސިން 'ޓޮޕް އިން މޯލްޑިވްސް އެވޯޑް' ގެ އިތުރުން އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދިއިރު އޭނާ ވަނީ ގައުމީ ގަދަ ދިހައެއްގެ ތިންވަނަ ހާސިލުކޮށްފަ އެވެ. މީގެ އިތުރުން އިބުރާހިމް އަރުޝަމް ވަނީ މެރިން ސައިންސުން ދުނިޔެއިން 6 ވަނަ ހާސިލުކޮށް ސްކޫލް ފަހުރުވެރިކޮށްދީފަ އެވެ.
މީގެ ކުރީގެ އަހަރުތަކުގައިވެސް އެ ސްކޫލަކީ ރާއްޖޭގެ ތައުލީމީ އުދަރެހުގައި ވިދަމުން އައި ސްކޫލެކެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެސްކޫލްގެ ދަރިވަރުން ހޯދި ފަހުރުވެރި ކާމިޔާބާއެކު މިއަހަރު ވެގެންމިދިޔައީ ވިދުން ގަދަ އަހަރެއްގެ ގޮތުގައި އެވެ.