twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުރިނބީން ގޯތި ދޫކުރުމުގެ މަސައްކަތް ނުފެށި އުޅެނިކޮށް، މަޑުޖައްސާލަން އަންގައިފި

Jan 29, 2017

ހދ ކުރިނބީ އިން ގޯތި ދޫކުރުމުގެ ހުއްދަށް ދިނުމަށް ފަހު އެމަސައްކަތް ނުފެށި އުޅެނިކޮށް، އެކަމުގެ ޝަކުވާ ލިބޭކަމަށް ބުނެ މަޑުޖައްސާލުމަށް ހައުންސިންގ މިނިސްޓްރީން އެކައުންސިލަށް އަންގައިފި އެވެ.

ކުރިނބީ ކައުންސިލުން އެދިފައިވަނީ 3000 އަކަ ފޫޓްގެ 31 ގޯއްޗަށެވެ. ނަމަވެސް ހުއްދަ ދިނީ 2500 އަކަ ފޫޓްގެ 15 ގޯތި ދިނުމަށް މިމަހު 19 ވަނަ ދުވަހު އެވެ. އެކަމުގެ މަސައްކަތް ނުފެށި އުޅެނިކޮށް ޝަކުވާ ލިބޭކަމަށް ބުނެ ގޯތިކުރުން މަޑުޖައްސާލުމަށް އެކައުންސިލަށް އެންގީ މިދިޔަ ބުރާސްފަތިދުވަހު އެވެ.

މިނިސްޓްރީން ފޮނުވި ސިޓިގައި ބުނެފައިވަނީ ކުރިނބީ އިން ގޯތި ދޫކުރުމުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އެކިއެކި ފަރާތްތަކުން އެމިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވާތީ، އެކަން ބަލާ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ގޯތި ދޫކުރުން މަޑުކުރެއްވުމަށެވެ.

މިކަމާ ގުޅިގެން ކުރިނބީ ކައުންސިލުގެ ރައީސް އަހުމަދު މުޖުތަބާ މިރޭ ކޭއޯއަށް ވިދާޅުވީ، ހުއްދަ ލިބުނު ފަހުން އަދި މިވީ އެންމެ ހަތަރުދުވަސް ކަމަށާއި މިހަތަރު ދުވަހުގެ ތެރޭގައި އެރަށުން ގޯތި ދޫކުރުމަށް އެއްވެސް ކަމެއް ކައުންސިލުން ކޮށްފައިނުވާ ކަމަށެވެ. އަދި ނުކުރާ ކަމެއްގެ ޝަކުވާ މިނިސްޓްރީއަށް ލިބެންވީ ގޮތެއް ނޭނގޭކަމަށް މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ އެކަމާ ގުޅިގެން މިއަދު މިނިސްޓްރީއަށް ގުޅައިގެން މައުލޫމާތު ސާފުވާގޮތް ނުވުމުން ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355