ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްއިން އެމްބީއޭ ކަޕް 3 ގައި ބައިވެރިވެއްޖެ އެވެ.
7 ފެބްރުއަރީ އިން 27 ފެބްރުއަރީއަށް ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ޒިގްޒެގްއިން ބައިވެރިވީ ބާސްކެޓްގައި ފާހަގަ ކޮށްލެވޭފަދަ ނަންތަކަކާއެކު އެވެ. އެގޮތުން އާމިނަތު ޝިއުރާ، އާމިނަތު ހަލީމް، ހުސްނާ މުހައްމަދު، އާއިޝަތު ނާޒިމާމެން ފަދަ މަޝްހޫރު ނަންތައް ފާހަގަ ކޮށްލެވެ އެވެ.
އެގޮތުން ޝިއުރާ ފާހަގަކޮށްލެވެނީ ނެޓްބޯޅަ، ބާސްކެޓްބޯޅަ އަދި ހޭންޑްބޯލްގައި ފާހަގަކޮށްލެވޭ ފަދަ ޗެމްޕިއަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ފިރިހެން ޑިވިޝަނުގައި ޓީރެކްސް ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގެ ހެޑްކޯޗުގެ މަޤާމު އަދާކުރީވެސް ޝިއުރާ އެވެ.
ކާމިޔާބީގެ ލިސްޓް ދިގު އާމިނަތު ހަލީމް ނުވަތަ އާންމު ނަމުންނަމަ ދިލް އަކީ ވެސް ކުޅިވަރު ކުޅުމާއި ކުޅިވަރު ދިރުވާ އާލާކުރުމުގެ ރޮނގުން 2012 ވަނަ އަހަރުގެ ޤައުމީ ހިތްވަރު ދިނުމުގެ ހާސިލު ކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން އާމިނަތު ޙަލީމް ކުޅިވަރަށް ކުރައްވާފައިވާ ޚިދްމަތާއި، ހޯއްދަވާފައިވާ ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުން، 2006 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމުވެސް އޭނާއަށްވަނީ، ލިބިފަ އެވެ.
ހުސްނާ، ނާޒިމާ އަދި ޝިޒޫގެ އިތުރުންވެސް ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ.
ތިން ޓީމު ބައިވެރިވި އަންހެން ޑިވިޝަނުގައި ޒިގްޒެގްގެ އިތުރުން ބައިވެރިވަނީ ރެޑް ވިންގްސް އަދި ސައިކްލޯން އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭގެ ކޯޓުގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޒިގްޒެގް ކުޅޭ ފުރަތަމަ މެޗުގައި ރެޑްވިންގްސްއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ދެން ހުރި މެޗުތައް ކުޅޭނީ މި މަހުގެ 12، 18 އަދި 22 ގަ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.