ކުޅުދުއްފުއްޓަށް ރޭ ކުރި ވިއްސާރާގައި ގިނަ ގޭބިސީތަކަކަށް ފެން ވަދެ، ބައެއް ގޭބިސީތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް ކުޅުދުއްފުށި ކައުންސިލް ވިދާޅުވެއްޖެ އެވެ.
ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ފެންގަނޑު ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް މުވައްސަސާތަކުން ފަށާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލާއި ޕޮލިހާއި އެމްއެންޑީއެފް އަދި ޕަބުލިކް ވޯކްސް ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުއްޔަށް ޕަމްޕް ގެނެސް ޕަމްޕް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެކަން ފުލުހުންގެ ފަރާތުން ކައުންސިލަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ފެނުގެ އަސަރުކޮށްފައިވަނީ ސީދާ ކިއްތައް ގެއަށް ކަމެއް އަދި ސާފުނުވިޔަސް ގިނަ ގޭބިސީތަކަކަށް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އަލި ވިދާޅުވީ ބައެއް ގޭބިސީތަކަށް ފެންވަދެ ހިފާގެންގުޅޭ ގިނަ ސާމާނުތަކަށް ގެއްލުންވެފައިވާ ކަމަށެވެ.