twitterviber whatsapp telegramfacebookyoutube instagram
19th July 2025

ޖަލާލުއްދީން ސްކޫލްގެ 'ކްރިސްޓަލް ސްޓަރ' އެވޯޑް ސާރާއަށް

އަބްދުލް ވާހިދު ޙަސަން
Jul 19, 2025

ކުޅިވަރާއި އިތުރު ހަރަކާތުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިގެން ޖަލާލުއްދީން ސްކޫލުން އަލަށް ދޭން ފެށި 'ކްރިސްޓަލް ސްޓަރ' އެވޯޑް ސާރާ ބިންތު އަބުދުﷲ ހޯދައިފި އެވެ.

ތަފާތު އެކި މުބާރާތްތަކުގައި ދަރިވަރުން ވާދަކޮށް ސްކޫލަށް ރަންވަނަތައް ހޯދައިދޭ ދަރިވަރުންގެ އަގުވަޒަންކުރުމަށް ބޭއްވި 'ކްރިސްޓަލް އެވޯޑް' ނައިޓް ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.

ޖަލާލުއްދީން ސްކޫލުން މިއަހަރު އަލަށް ދޭން ފެށި މި 'ކްރިސްޓަލް ސްޓަރ އެވޯޑް' ލިބުނު ސާރާ ބިންތު އަބުދުﷲ ވަނީ ޖުމްލަ 5 މުބާރާތެއްގައި ވާދަކޮށް ސްކޫލަށް ރީތި ނަމާއި ޝަރަފު ހޯދައިދީފަ އެވެ.

އެގޮތުން އޭނާ ބައިވެރިވި މުބާރާތަކުގެ ތެރޭގައި ސިޓީ ކައުންސިލުން 2023 ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތާއި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ބަހުސް މުބާރާތާއި އަތޮޅު ކައުންސިލުން ބޭއްވި ތިލަދެކުނު ޤުރުއާން މުބާރާތާއި އަލްއުސްތާޒް މުހައްމަދު ޖަމީލްދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އިތުރުން 36 ވަނަ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ހިމެނެ އެވެ.

ބައެއް ޤުރުއާން މުބާރާތަކުން އުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އާއި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ސާރާ ހޯދާފައިވާކަން ފާހަގަކޮށްލެވެ އެވެ.

143 ދަރިވަރުން އެވޯޑް ހާސިލްކުރި މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ވަނީ ތަފާތު 15 މުބާރާތެއްގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގެ މުބާރާތްތަކާއި އަތޮޅު އަދި ރަށު ފެންވަރުގެ މުބާރާތްތައް ހިމެނެ އެވެ.

އެ ސްކޫލްގެ ދަރިވަރުން ވާދަކުރި މުބާރާތްތަކުގެ ތެރޭގައި، މަކިޓާ ޖޫނިއާ އެތުލެޓިކްސް މުބާރާތާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތާއި ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތާއި މާއްޓޭ އިންޓަ ސްކޫލް ފުޓްބޯޅަ ފިއެސްޓާ އާއި ދިވެހި ރެޑްކުރެސެންޓް ބޭއްވި ހިއުމަނިޓޭރިއަން ޕޯސްޓަރ ކުރެހުމުގެ މުބާރާތާއި އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ބޭއްވި ފަސްޓް ޓްއަރިޒަމް ޑްރޯވިންގ މުބާރާތް ހިމެނެ އެވެ.

އަދި މީގެ އިތުރުން ތިލަދެކުނު ޤުރުއާން މުބާރާތާއި ތިލަދެކުނު މަޒުމޫނު ލިޔުމުގެ މުބާރާތާއު 36 ވަނަ ގައުމީ ޤުރުއާން މުބާރާތާއި ހުތްއަލިދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ ގައުމީ މުބާރާތާއި އައްޝައިހް މަލިކް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތާއި އަލްއުސްތާޒް މުހައްމަދު ޖަމީލްދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނުގެ ލިޔުމުގެ ގައުމީ މުބާރާތާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން އިންތިޒާމުކޮށްގެން ބޭއްވި 'ދަ ޕިޗް' އާއި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ބަހުސް އަދި ޑްރާމާ މުބާރާތެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނުގެ އިތުރުން ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކުގެ ވެރިންނެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355