އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ހދ ރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުރިނބީއިން 4-2 އިން ކުމުންދޫ ބަލިކޮށްފި އެވެ.
މިއަދުގެ މެޗު ފަށައިގެން މެޗުގެ ދެވަނަ މިނެޓްގައި ކުމުންދޫ އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ކުރިނބީގެ ގޯލްކީޕަރު ލަހުފާން އަރާ ސާފުކޮށްލި ބޯޅައެއް ކުމުންދޫގެ ޖާޒީ ނަންބަރު 23 ކޮންޓްރޯލުކޮށް ކުރިނބީ ހާފުގެ މެދަށްވުރެ ދުރުން ފޮނުވާލި ބޯޅަ އަމާޒުޥީ ގޯލުގެ މަތީ ދަނޑިއަށެވެ.
ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުރިނބީއިންނެވެ. މިއީ މެޗުގެ 5 ވަނަ މިނެޓްގައި ކުރިނބީގެ ޖާޒީ ނަންބަރު 9 ޖަހައިދިން ލަނޑެކެވެ. މި ލަނޑު ޖެހިތާ މާގިނަ އިރު ތަކެއް ނުވެ ކުމުންދޫއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުގެ ޖާޒީ ނަންބަރު 10 ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ކުރިނބީއިން ކައުންޓާ އެޓޭކް ގޭމެއް ކުޅެމުންދިޔައިރު ކުރިނބީގެ ޖާޒީ ނަންބަރު 10 އަނާން ވަނީ ލިބުނު ތުރޫ ޕާހަކުން ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ފޮނުވާލި ބޯޅައަކުން އެ ޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. މި ލަނޑާއެކު ކުމުންދޫއިން ކުރިނބީ ގޯލަށް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ.
ކުމުންދޫއިން މެޗުގެ ނަތީޖާ އަލުން ހަމަހަމަ ކުރީ މެޗުގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ޖާޒީ ނަންބަރު 23 ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ކުރިނބީ ކުޅުންތެރިއެއްގެ އަތުގައި ބޯޅައިން ޖެހިގެން ލިބުނު ޕެނަލްޓީ އެކެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވަނީ އަލުން ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމުގެ ޖާޒީ ނަންބަރު 19 ކާމިޔާބުކުރިއިރު މިއީ މި މުބާރާތުގައި ލިބުނު 6 ވަނަ ޕެނަލްޓީ ކަން ފާހަގަކޮށްލެވެ އެވެ. ހަނިމާދޫ އާއި ނޭކުރެންދޫ މެޗު ނޫން މެޗުތަކުގައި ވަނީ ކޮންމެ މެޗެއްގައި 2 ޕެނަލްޓީ ވަނީ ފެނިގެން ގޮސްފަ އެވެ.
މުޅި ފަހު ހާފު ކަހަލަ ގޮތަކަށް ކުމުންދޫއިން ކުޅުނުއިރު ލަނޑު ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެގޮތުން ކުރިނބީ ޓީމުގެ ކީޕަރު ލަހުފާންގެ ހުޝިޔާރުކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
ކުރިނބީގެ ފަހު ލަނޑަކީ ލިބުނު ކޯނަރަކުން ކުރިނބީ ޓީމުގެ ޖާޒީ ނަންބަރު 6 ކާމިޔާބުކުރި ލަނޑެކެވެ. މިއީ ކުމުންދޫ ޓީމުގެ ކީޕަރު އަތަށް ނެގެން އޮތް ބޯޅައެއް އެއްފަހަރުން ޖަހައި ސާފުކޮށްލަން އުޅުމުގެ ތެރޭގައި ރަނގަޅަށް ފަޔަށް ނޭރުމުގެ ސަބަބުން ލިބުނު ކޯނަރެއްކަން ފާހަގަ ކޮށްލެވެ އެވެ.
މި ނަތީޖާއާއެކު ކުރިނބީ ޓީމަށް ދެ މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލެއް ލިބިފައެއް ނުވެއެވެ. ކުމުންދޫ ޓީމަށް ބާކީ އެއް މެޗު އޮތްއިރު އޮތީ މައިނަސް ދެ ގޯލާ އެކު އެވެ. މި ގުރޫޕްގެ އެއްވަނާގައި ކުޅުދުއްފުށި އޮތްއިރު އެއް ލަނޑުގެ ތެފާތަށްވުރެ ބޮޑު ނޫން ނަތީޖާއަކުން ބަލި ނުވެއްޖެނަމަ ކުޅުދުއްފުށީ ޓީމަށް ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރެވޭނެ އެވެ.
މާދަމާ މި މުބާރާތުގައި ގުރޫޕް ބީ ގެ މެޗެއް ކުޅޭއިރު މެޗުގައި ބައްދަލު ކުރާނީ ފިނޭ އަދި ނޮޅިވަރަމްފަރެވެ. މިއީ ނޮޅިވަރަމްފަރުގެ ފުރަތަމަ މެޗު ނަމަވެސް ފިނޭ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން 5-3 އިން ނޮޅިވަރަމް އަތުން ބަލިވެފަ އެވެ.