އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނޮޅިވަރަމްފަރު އަދި ފިނޭ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
23 އަހަރަށްފަހު އަތޮޅު ފެންވަރުގެ ފުޓްބޯޅަ މުބާރާތަކަށް ނުކުތް ނޮޅިވަރަމްފަރަށް މިއަދުގެ މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމުގައިވިޔަސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފިނޭގެ ޓީމުންނެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ފިނޭގެ ޖާޒީ ނަންބަރު 14 އެވެ.
ފުރަތަމަ ހާފު 1-0 އިން ނަތީޖާ ނިމުނު ކަމުގައިވިޔަސް ނޮޅިވަރަމްފަރުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ލީޑު ހޯދާފަ އެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓްގައި އަދި 69 ވަނަ މިނެޓްގައި ވަނީ ލަނޑު ޖަހާފަ އެވެ.
ނޮޅިވަރަމްފަރަށް ލީޑު ދެމެހެއްޓުނީ އެންމެ މިނެޓަކު އެވެ. މެޗުގެ 70 ވަނަ މިނެޓްގައި ފިނޭއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މީގެ އިތުރުންވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.
މި ނަތީޖާއާއެކު ފިނޭއިން މި މުބާރާތުން ކަޓާފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގުރޫޕްގެ އެއްވަނާގައި ނޮޅިވަރަމް އޮތީ 3 ޕޮއިންޓާ ފައިދާ ދެ ގޯލާ އެކު އެވެ. މި ގުރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަމް އަދި ނޮޅިވަރަމްފަރެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިރިމަރަދޫ އަދި ނޭކުރެންދޫ އެވެ. މި މެޗަށް ނުކުންނައިރު ނޭކުރެންދޫ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން 2-0 އިން ބަލިވެފަ އެވެ.