އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ހިރިމަރަދޫއިން ފަހަތުން އަރައި 3-1 އިން ނޭކުރެންދޫ ބަލިކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ހިރިމަރަދޫގެ ޓީމުން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު ގިނަ ހަމަލާތަކެއް ވަނީ އުފައްދާފަ އެވެ. ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނޭކުރެންދޫއިންނެވެ.
ހިރިމަރަދޫގެ ޑިފެންޑަރަކަށް ސާފު ނުކޮށްލެވުނު ބޯޅައެއްގެ ފައިދާ ނަގައި މެޗުގެ 44 ނޭކުރެންދޫ ޓީމުގެ ޖާޒީ ނަންބަރު 15 ކާމިޔާބުކޮށްދިން ލަނޑަކާއެކު ނޭކުރެންދޫއިން ވަނީ ލީޑު ނަގާފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ނޭކުރެންދޫ ޓީމުގެ ކެޕްޓަން ޖާޒީ ނަންބަރު 9 ބޯޅަ ހޯދައި ޕެނަލްޓީ ސްޕޮޓް މަތީގައި ހުރި 15 އަށް ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެން ހިރިމަރަދޫއިން ވަނީ މެޗުގެ ކޮންޓްރޯލް މުޅިންހެން ނަގައި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. މިގޮތުން މެޗުގެ 20 ވަނަ މިނެޓްގައި ހިރިމަރަދޫއިން ވަނީ ލަނޑު ޖަހައި ލީޑު ހޯދާފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ހިރިމަރަދޫގެ ޖާޒީ ނަންބަރު 26 (ބޮފީ) ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއެކު ހިރިމަރަދޫއިން ޖެހިޖެހިގެން ނުރައްކާތެރި 4 ހަމަލާއެއް ފޮނުވާލިއިރު، ހިރިމަރަދޫއިން ލީޑު ހޯދީ މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ހިރިމަރަދޫ ކުޅުންތެރިއެއް ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑުންނެވެ.
މެޗު 35 ވަނަ މިނެޓްގައި ވަރަށް ރީތިކޮށް ކުޅެލުމަށްފަހު އުފެއްދި ހަމަލާއެއްގައި ހިރިމަރަދޫގެ ޖާޒީ ނަންބަރު 8 ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ.
މެޗުގެ 43 ވަނަ މިނެޓްގައި ހިރިމަރަދޫ އަށް ޕެނަލްޓީއެއް ލިބިފައިވީ ނަމަވެސް ހިރިމަރަދޫގެ ޖާޒީ ނަންބަރު 22 އަހްމަދު މުހައްމަދު (ފޮނިލާ) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކުރެވުނު ނަމަ، މި ގުރޫޕްގެ ފަހު މެޗުގައި ހަނިމާދޫއާ ހިރިމަރަދޫ ކުޅޭ މެޗު ހިރިމަރަދޫއިން އެއްވަރު ކޮށްލި ނަމަވެސް ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ.
މާދަމާ ކުޅޭ މެޗުގައި ކުޅުދުއްފުށި އަދި ކުމުންދޫ ބައްދަލުކުރާއިރު މިއީ ސެމީއަށް ދިއުމަށްޓަކައި ދެ ޓީމަށްވެސް ވަރަށް މުހިއްމު މެޗެކެވެ. މި މެޗުގައި ކުޅުދުއްފުށި ޓީމުން 1 ލަނޑަށްވުރެ ފަރަޤު ބޮޑު ނޫން ގޮތަކަށް ބަލިނުވެ ސަލާމަތްވެއްޖެ ނަމަ ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ.
މާދަމާގެ މެޗު 1555 ގައި ފެށޭއިރު ރަތްކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ވީހާވެސް ގިނަ ބޭފުޅުން ސްޓޭޑިއަމަށް ދުރުވެ ކުޅުދުއްފުށީ ޓީމަށް ސަޕޯޓް ދިނުމަކީ ޓީމުގެ އަދި ސަޕޯޓާސް ގުރޫޕްގެ ވަރަށް ބޮޑު އެދުމެކެވެ.