twitterviber whatsapp telegramfacebookyoutube instagram
28th March 2024

މޮޅު ކުޅުމަކާއެކު ކުޅުދުއްފުށިން ކުމުންދޫ ލަދުގަންނަވާލައިފި

Mar 29, 2017

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުޅުދުއްފުށިން ކުމުންދޫ 6-0 އިން ބަލިކޮށް އެ ޓީމު ލަދުގަންނަވާލައިފި އެވެ.

މިއަދުގެ މެޗުގައި ކުޅުދުއްފުށިން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުރަތަމަ މިނެޓްގައި ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި އަންވަރު އާދަމް އެވެ. މިއީ މަތިން އައި ބޯޅައެއް ކީޕަރު ހިފަން އުޅުމުގެ ތެރޭގައި ކީޕަރުގެ އަތުގައި ނުޖެހި ކީޕަރުގެ ފަހަތަށް ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުމުން އަންވަރު މުޅިން ހުސްކޮށް ހުރެ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ކުޅުދުއްފުށިން ޑޮމިނޭޓް ކުރިއިރު ދެވަނަ ލަނޑަކީ އަންވަރު ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ލިބުނު ބޯޅައަކުން ވޮލީއެއްގައި ޖަހައި މަތީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ވަރަށް ހިތްގައިމު ލަނޑެކެވެ. މިއީ މި މުބާރާތުގައި އަންވަރު ޖެހި 4 ވަނަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ ޝިޔާމް (ނަލަވާ) ވަނީ ހާފުގެ މެދަކާ ހިސާބުން އަރިމަތިން ލިބުނު ހިލޭ ޖެހުމެއް މަތީ ކަނަށް ވައްދާލައި ލީޑު 3-0 އަށް ބަދަލުކޮށްލާފަ އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ކުޅުދުއްފުށިން މޮޅަށް ކުޅެމުން ދިޔައިރު 4 ވަނަ ލަނޑު ޖަހައިދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޝާފީ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުން ކަނުން ކަހަލަ ގޮތަކަށް މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުން ކާމިޔާބު ކުރި ވަރަށް ޗާލު ލަނޑެކެވެ.

ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރި ނަގަމުން ދިޔައިރު 5 ވަނަ ލަނޑު ޖަހާފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފަތުހުﷲ (ފައްތެ) އެވެ. މިއީ މެޗުގެ 79 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ފައްތެ ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ. މިއީ ފައްތެގެ ފުރަތަމަ ޓަޗުކަން ފާހަގަކޮށްލެވެ އެވެ.

ވަރަށް ރީތި ގޯލުތަކެއް ފެނިގެންދިޔަ މި މެޗުގެ 6 ވަނަ ލަނޑަކީ ޝާފީ ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ޓީމުގެ ކެޕްޓަން އިބްރާހިމް ހަސަން (ކުޑަ އިއްބެ) އަށް ޖައްސާލި ބޯޅައެއް ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލައިން ކާމިޔާބުކުރި ވަރަށް ފުރިހަމަ ޓީމު ލަނޑެކެވެ.

މި މެޗުގައި ކުމުންދޫ ޓީމުގެ ކެޕްޓަންކަން ފުރަތަމަ މެޗުގައި ކުރި ސިނާން އިބްރާހިމް (ޓައްކޭ) އަށް މުބާރާތުގެ ޤަވާއިދު ތަން ނުދިނުމުގެ ސަބަބުން ނުކުޅެވެ އެވެ. މި މުބާރާތުގެ ޤަވާއިދު ބުނާ ގޮތުން ފުރަތަމަ ޑިވިޝަންގެ ޓީމު ލިސްޓްގައި ހިމެނޭ ކުޅުންތެރިޔަކަށް މިނިވަން ޗެމްޕިއަންޝިޕްގައި ނުކުޅެވޭނެ އެވެ. އެގޮތުން ސިނާން އަކީ މި އަހަރު މާޒިޔާގެ ޓީމު ލިސްޓްގައި ހިމެނޭ ކުޅުންތެރިއެއްކަން ފާހަގަ ކޮށްލެވެ އެވެ.

މި ނަތީޖާއެކު ކުޅުދުއްފުއްޓަށް ވަނީ 6 ޕޮއިންޓާއެކު ގުރޫޕްގެ 1 ވަނަ ލިބިފަ އެވެ. މި ގުރޫޕްގެ ދެވަނަ އަށް ގޮސްފައިވަނީ 3 ޕޮއިންޓާއެކު ކުރިނބީ އެވެ. ކުމުންދޫ ވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި ކަޓާފަ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ނޮޅިވަރަމް އަދި ނޮޅިވަރަމްފަރު ބައްދަލުކުރާއިރު މެޗު ފެށޭނީ 1555 ގަ އެވެ.

މުބާރާތުގައި ކުޅުދުއްފުށި ޓީމު ސެމީ ފައިނަލް މެޗު އޮންނާނީ އޭޕްރިލް 2 ވަނަ ދުވަހު އެވެ. ކުޅުދުއްފުށީ ޓީމަށް ސެމީގައި ބައްދަލުކުރަން ޖެހޭނީ ތިން ގުރޫޕްގެ ތެރެއިން އެންމެ ރަނގަޅު ދެވަނައެއް ހޯދާ ޓީމަކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355