twitterviber whatsapp telegramfacebookyoutube instagram
27th April 2024

10 ކުޅުންތެރިންނާއެކު ކުޅެ ފަހަތުން އަރާ ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށިން ޗެމްޕިއަންކަން ހޯދައިފި

Apr 5, 2017

10 ކުޅުންތެރިންނާއެކު ކުޅެ ހަނިމާދޫގެ މައްޗަށް ކުޅުދުއްފުށި ކުރިހޯދައި ހދ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަދުގެ މެޗު ފަށައިގެން މެޗުގެ ކުރީކޮޅު ކުޅުދުއްފުށިން ނުރައްކާތެރި ތިން ހަމަލާއެއް ވަނީ އުފައްދާފަ އެވެ. އެގޮތުން ސިނާން އިބްރާހިމް (ސިންނެ) އަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓްގައި ހަނިމާދޫ ޓީމަށް ކުޅޭ ވަށަފަރު ކުޅުންތެރިއެއް ކަމުގައިވާ އެ ޓީމުގެ ޖާޒީ ނަންބަރު 28 ދަޅޭ އެވެ.

މި ލަނޑާއެކު ކުޅުދުއްފުށިން ވަނީ އަނެއްކާވެސް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން މެޗުގެ 41 ވަނަ މިނެޓްގައި ކުޅުދުއްފުށީ ޓީމަށް ކުޅޭ ނެއްލައިދޫ ކުޅުންތެރިއެއް ކަމުގައިވާ ހަސަން ޝާމިލް ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަން ތަނުން ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރީ މިއަދުގެ މެޗުގެ ކެޕްޓަން ފަރުހަތު މުހައްމަދު (ފަރޭ) އެވެ. މިއީ ހަނިމާދޫ ކޮޅަށް މި މުބާރާތުގައި ވަން ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފު 1-1 އިން ނިމުނުއިރު ފަހު ހާފުގެ 11 ވަނަ މިނެޓްގައި ފަރޭ ކުރި ފައުލަކާ ގުޅިގެން ހަނިމާދޫއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ކެޕްޓަން ހައްލަ ޖެހި މި ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

އެއާއެކު ކުޅުދުއްފުށިން ވަނީ ކުޅުން ރަނގަޅުކޮށް ފަހު ހާފުގެ 16 ވަނަ މިނެޓްގައި ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މިއީ މުހައްމަދު ޝާފީ ދިން ޕާހަކުން އަންވަރު ކާމިޔާބުކުރި ވަރަށް ހިތްގައިމު ލަނޑެކެވެ. ނަމަވެސް ލަނޑު ޖެހުމަށްފަހު ޖާޒީ ބޭލުމުން އަންވަރަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.

އަދި އޭގެ ފަސް މިނެޓް ފަހުން ކުޅުދުއްފުށިން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ. މިއީ ޝާފީ ދިން ޕާހަކުން ފަތުހުﷲ އާދަމް (ފައްތެ) ކާމިޔާބު ކުރި ލަނޑެކެވެ.

މި ލަނޑާއެކު ކުޅުދުއްފުށީ ޓީމުން ވަނީ ފަހަތަށް ފައިބާ ޑިފެންސް ކުރަން ފަށާފަ އެވެ. އަދި މެޗު ނިމެންދެން ކަހަލަ ގޮތަކަށްވެސް ހަނިމާދޫ ޓީމަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ.

މި ނަތީޖާއާއެކު ޓީމް ކުޅުދުއްފުށި ވަނީ ޒޯން މުބާރާތަށް ކޮލިފައިވެފަ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ 8 އޭޕްރިލް ވާ ހޮނިހިރު ދުވަހު ހއ ހޯރަފުށީގައި ހއ އަތޮޅުގެ ޗެމްޕިއަން މާރަންދޫއާ ދެކޮޅަށެވެ. ދެވަނަ މެޗު އޮންނާނީ 11 އޭޕްރިލް ވާ އަންގާރަ ދުވަހު ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355