twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކްލަބް މޯލްޑިވްސް ކަޕް 2017 ގެ ޗެމްޕިއަންކަން އެމްޕީއެލް ބަލިކޮށް އެމްއާރްޑީސީ އިން ހޯދައިފި

May 8, 2017

ކްލަބް މޯލްޑިވްސް ކަޕް 2017 ގެ ޗެމްޕިއަންކަން  އެމްޕީއެލް ބަލިކޮށް އެމްއާރްޑީސީ އިން ހޯދައިފި އެވެ.

ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން 8-7 އިން މެޗު ކާމިޔާބުކުރީ އެމްއާރްޑީސީއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 3-0 އިން އެމްޕީއެލް ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކުރީ ވަރަށް ހަނި އެންގަލެއްގައި ހުރެ އެމްޕީއެލްގެ ޖާޒީ ނަންބަރު 10 ހުޒައިފަތު (ހުޒޭ) އެވެ. މި ލަނޑު ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިންވެސް ހުޒޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. މި ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ތެރޭ ހުޒޭ ވަނީ އެމްއާރުޑީސީގެ އަކުރަމް އަބްދުލް ޣަނީ (އަކޫ) ކައިރިން ނެއްޓުމަށްފަހު އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

އަދި މެޗުގެ 11 ވަނަ މިނެޓްގައި އެމްޕީއެލްގެ ޖާޒީ ނަންބަރު 7 އަލީ ޝިފާއު (ރޮނާ) ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. މި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ އެއް މިނެޓް ފަހުން ރޮނާ ވަނީ އެމްޕީއެލްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު 3-0 އަށް ބަދަލުކޮށްލާފަ އެވެ.

ފަހު ހާފު ގެ ކުޅުން ފަށައިގެން އެމްއާރްޑީސީއިން ކުޅުން ރަނގަޅުކޮށްފައިވާއިރު، މެޗުގައި އެމްއާރްޑީސީއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 26 ވަނަ މިނެޓްގައި އެމްއާރްޑީސީގެ ޖާޒީ ނަންބަރު 11 ހަސަން އަދުހަމް (ސަޑޭ) އެވެ. މިއީ މެދު ރޮނގުން ނެއްޓިފައި ބޫޓް ކޮޅުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މި ލަނޑު ޖެހިތާ 1 މިނެޓް ފަހުން ރޮނާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ. މިއީ އެމްޕީއެލްގެ ހާފު ތެރޭ ހުރެފައި ބޯޅަ ހިފައިގެން ގޮސް ގޯލުގެ މަތީ ދާގަނޑަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް އެމްއާރްޑީސީއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 29 ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިއީ އެމްއާރްޑީސީގެ އަކޫ މެދު ރޮނގަކާ ހިސާބުގައި ހުރެފައި ފޮނުވާލި ބޯޅައެއް އެމްޕީއެލްގެ ހާފިޒްގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ. އަދި މި ލަނޑު ޖެހިތާ އެއް މިނެޓް ފަހުން އެމްއާރްޑީސީގެ އިސްމާއީލް އީސާ (މެސީ) ވަނީ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައަކުން މުޅިން ހުސްކޮށް ހުރެ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި އެމްއާރްޑީސީ އިން ވަނީ މެޗުގެ 34 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އަކޫ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތުމުން އެމްއާރްޑީސީގެ ޖާޒީ ނަންބަރު 9 މުހައްމަދު ލިޔާހް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޕެނަލްޓީ އަށް ދިޔައިރު ދެ ޓީމުގެ ވެސް ފުރަތަމަ ދެ ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްއާރްޑީސީގެ ޕެނަލްޓީތައް އަހްމަދު ރައްޔާން އަދި އަކޫ ޖެހިއިރު އެމްޕީއެލް އިން ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު އަޔާޒް (އަޔާ) އަދި ހުޝާމް އިބްރާހިމް (ހުއްޓޭ) އެވެ. ދެން އެމްއާރްޑީސީ އިން ޖެހި ޕެނަލްޓީ މެސީ ޖެހިއިރު އެ ޕެނަލްޓީ އަމާޒު ވީ ގޯލުގެ ދަނޑިއަށެވެ. އަދި މެޗު ކާމިޔާބުކުރަން ރޮނާ އަށް ލިބުނު ޗާންސުގައި ރޮނާ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އެމްއާރްޑީސީ އިން ދެން ޖެހި ދެ ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު މި ޕެނަލްޓީ ތައް ޖަހައިދިނީ ސަޑޭ އަދި އަލީ ނާފިއު (ކަޅޭ) އެވެ. އެމްޕީއެލްގެ ހުޒާމް ޖެހި ޕެނަލްޓީ ވަތް ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އައްޒާމް ޖެހި ޕެނަލްޓީ އެމްއާރްޑީސީގެ ކީޕަރު ޒިޔަޒަން ވަނީ ދިފާއުކޮށް މެޗު ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް 11-2 އިން ބަލިކޮށްގެން ހޯދީ ޓީމް ފެނަކައިންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މުހައްމަދު ލިޔާހު ހޮވުނުއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ ލިޔާހު އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 16 ލަނޑު ޖަހާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ލިޔާހު ގެ އިތުރުން ހޮވުނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއީލް އީސާ (މެސީ) އާއި އެމްޕީއެލްގެ އަލީ ޝިފާހު (ރޮނާ) އާއި ހުޒައިފަތުގެ އިތުރުން އެމްއޭސީއެލްގެ އަބްދުﷲ ޒިޔާން (ޔަންކޭ) އެވެ. ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ބީއެމްއެލްގެ އިބްރާހިމް ސިނާ (ސިނާ) އެވެ. ފެއާ ޕްލޭ ޓީމަކަށް ހައުސިން ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްއާރްޑީސީގެ ކޯޗު މުހައްމަދު އިރުފާން އެވެ. އަދި ބެސްޓް ސަޕޯޓާސް ވެސް ހޯދީ އެމްއާރްޑީސީ އެވެ. އަދި ބެސްޓް ފޭސްބުކް ޕޭޖަކަށް ހޮވުނީ ސްޓެލްކޯ އާރްސީގެ ޕޭޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355