މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީގައި ކުޅޭ ގުރޫޕްގައި ޖެހިލުންވާ ވަރުގެ ޓީމެއް ނެތް ކަމަށް މިލަންދޫ އެފްސީ ބުނެފި އެވެ.
ކުޅުދުއްފުށީގައި ކުޅޭ ގުރޫޕްގައި ހިމެނެނީ ށ. މިލަންދޫގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން ވަރުގަދަ އޭދަފުއްޓާއި ކުޅުދުއްފުށި އަދި އއ. މާޅޮހެވެ.
އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޭއޯއަށް ވިދާޅުވީ ޕްރެކްޓިސްތައް ކުރިއަށްދަނީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި ޖެހިލުންވާ ވަރުގެ ޓީމެއް ނެތް ކަމަށެވެ.
“ޖެހިލުންވާ ވަރުގެ ޓީމެއް ނެތް. ކުޅުދުއްފުއްޓަކީ ވެސް އަޅުގަނޑުމެން މީގެ ކުރިން ބަލިކޮށްފަ އޮތް ޓީމެއް. އޭދަފުއްޓާ ދޭތެރޭވެސް އެއްވެސް ހެޑޭކެއް ނެތް” ޝިޔާމް ވިދާޅުވި އެވެ
ޝިޔާމް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ޓީމުގެ ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. މިދިޔަ ދެ ބުރުގައި ރަށުން ބޭރުގެ 6 ކުޅުންތެރިން މިލަންދޫ ޓީމުގައި ހިމެނޭއިރު އިތުރު ކުޅުންތެރިޔަކު ވަނީ އެއަތޮޅު ފުނަދޫއިން ގެނެސްފަ އެވެ. ފުނަދޫއިން ގެނެސްފައިވަނީ މާއްޓޭ އެވެ.
ދެ ކުޅުންތެރިން ނޫން އެހެން ހުރިހާ ކުޅުންތެރިންނެއް ޓީމާ ގުޅިފައިވާއިރު މަސައްކަތް ކުރަމުންދަނީ ވަރަށް އުންމީދުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ. މާލޭއަށް ދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ޓީމަށް ހެޔޮ އެދޭ ގިނަ ފަރާތެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި ވަކިން ހާއްސަކޮށް ކުރީ އެދާއިރާގެ އެމްޕީ އަލީ ރިޒާގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރައްވަ އެވެ.
ކުޅުދުއްފުށީ ގުރޫޕްގައި ކުޅޭ މެޗުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހު 6 ގަ އެވެ.