ޕާޓީން ވަކިވާ ނުވަތަ ޕާޓީއިން އެހެން ޕާޓީއަކަށް ބަދަލުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކޮށްފިއެވެ.
އޭޖީ މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި، ވަނީ “އެންޓި-ޑިފެކްޝަން ގާނޫނެއް” ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ.
ހުކުމުގައި ވާގޮތުން މިއަދުން ފެށިގެން، ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އަދި ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން އަންގާ ދުވަހުން ފެށިގެން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓުން މި ހުކުމް މި ކުރީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް މަޖިލީހުގެ ގިނަ މެންބަރުންނާއި ގާނޫނީ ވަކީލުން ވެސް އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ ފުރުސަތު ނުދީ އެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.