twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކާރިސާގެ ވަގުތު ދިމާވާ ގެއްލުން ކުޑަކުރެވޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން: ހިމްޔާ

އަބްދުލް ވާހިދު ޙަސަން
May 21, 2025

ކާރިސާތަކަށް ތައްޔާރުވުމަކީ ހަމައެކަނި ވަކި މުއައްސަސާއެއްގެ ޒިންމާއެއް ނޫންކަމަށާއި އެއީ ރަށުގައި ހުރިހާ މުއައްސަސާތަކާއި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމުގައި ދިވެހި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނަރަލް ފާތިމަތް ހިމްޔާ ވިދާޅުވެއްޖެ އެވެ.

އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިމްޔާ ވިދާޅުވީ، ކާރިސާގެ ވަގުތު ދިމާވާ ގެއްލުން ކުޑަކުރެވޭނީ އެންމެން އެއްކޮށް ގުޅިގެން މަސައްކަތްކޮށްގެންކަމަށާއި އެކަން މާޒީއަށް ބަލައިލިކަމުގައިވިޔަސް ވަރަށް ސާފުކޮށް ފެންނަމުންދާކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ކާރިސާގެ ވަގުތު ދިމާވާ ގެއްލުން ކުޑަކުރެވޭނީ އެންމެ އެއްކޮށް ގުޅިގެން މަސައްކަތްކޮށްގެން ކަން އަޅުގަނޑުމެންގެ މާޒީއަށް ބަލައިލިކަމުގައިވިޔަސް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ދަނީ ފެންނަމުން." ހިމްޔާ ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާއި ރާއްޖޭގެ ގުދުރަތީ ނާޒުކުކަމުގެ ސަބަބުން ދިމާވާ އަރަންކާތަކުގެ ކާރިސާތަކަށް އިޖާބަދިނުމާއި ދުރާލައި ތައްޔާރުވުމާއި މުޖުތަމައުގެ ވިލުންތެރިކަން އިތުރުކުރުމަށް ދެމެހެއްޓެނިވި ގުޅުންތަކެއް އުފައްދާ މިކަމުގައި އެންމެން އެކުގައި މަސައްކަތްކުރުމަކީ މިވަގުތު ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމުގައި ހިމްޔާ ވިދާޅުވި އެވެ.

މަހާސިންތާގެ މަގުސަދަކީ ކާރިސީ ހިރާސް ކުޑަކުރުމަށްޓަކާ ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް އެކުގައި މަސައްކަތްކުރުންކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މިފަހުން ކުޅުދުއްފުށީ ސިޓީގައި ޑިޒާސްޓާ ޕްލޭނާއި ސިޓީ އެމެޖެންސީ އޮޕަރޭޝަން ޕްލޭން އަދި ކުލައިމެޓް އެޑަޕްޓޭޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ނިންމާ ދިވެހި ރެޑްކުރެންސެންޓް ހިމެނޭހެން ޑިޒާސްޓާ ކޮމެޓީއެއް އެކުލަވާލާފައިވާތީ ކުޅުދުއްފުށީ ކައުންސިލުން ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ހިމްޔާ ޝުކުރުއަދާކުރެއްވި އެވެ.

ކޮންމެ ރަށެއްގައި އެފަދަ ޕްލޭންތައް އެކުލަވާލުމުގައި ދިވެހި ރެޑްކުރެސެންޓް ދެވެން އޮތް ހުރިހާ އެއްބާރުލުމެއްދޭނެކަމުގެ ޔަގީންވެސް ހިމްޔާ ދެއްވި އެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރެޑްކުރެސެންޓާއި އެންޑީއެމްއޭ ގުޅިގެން ވަށަފަރު، ފިނޭ، ކޮމަންޑޫގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްވެސް ހިމްޔާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355