އެމްޕީ ނަޝީދުގެ ވޯޓު ވެސް މަސީހާ ދެކޮޅަށް ލިބޭނެ: އެމްޕީ ގަފޫރު

ޙަސަން އިޔާން - 1 ހަފްތާ ކުރިން - 13 ޖުލައި 2017


މެމްބަރު ގަފޫރާއި މެމްބަރު ނަޝީދު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ކުރާނެ ކަމަށާއި އެ ވޯޓު ކާމިޔާބު ކުރާނީ ހދ. އަތޮޅުގެ ހުރިހާ މަޖިލިސް މެންބަރުންގެ ވޯޓާއެކު ކަމަށް ކުޅުދުއްދުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގެ ވޯޓު އޮންނާނެ ކަމަށެވެ. އެ ވޯޓުގައި ހދ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެންބަރުން ވޯޓު ދެއްވާނެ ކަމަށާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވޯޓު ދެއްވާނީ މަސީހުގެ އިތުބާރު ނެތް ކަމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގަފޫރު މިހެން ވިދާޅުވި ނަމަވެސް، މަސީހުގެ މައްސަލާގައި މިހާތަނަށް މެންބަރު ނަޝީދު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މަސީހުގެ މައްސަލައާ ދިމާކޮށް، ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލައަށް ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މައްސަލައަކީ އިންތިހާބުވާ ޕާޓީ ދޫކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ މައްސަލައެވެ. މިއަދު ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބު އެދިވަޑައިގެންނެވި ގޮތަށް ހުކުމް ވެސް ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވެފައިވަނީ، މެންބަރުގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނު އަސާސީގައި ލިޔެވިފައި އޮތްވައި، ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ގޮނޑި ގެއްލޭ ގޮތަށް ކޯޓަށް ކަނޑަނޭޅޭނެ ކަމަށެވެ.

މިރޭ ގަފޫރު ވެސް ވަނީ އެ ހުކުމަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވާފަ އެވެ. ގަފޫރު ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅުން މަސައްކަޔް ކުރާނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކުރެވޭ އެއްވެސް ހުކުމަކީ ބަލައިގަންނާނެ ހުކުމެއް ނޫން ކަމަށެވެ.

ގަފޫރު ވިދާޅުވީ، އެފަދަ ހުކުމެއް އައިސްފައިވީ ނަމަވެސް މެންބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. މަސީހުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ޕީޕީއެމް މެންބަރުން، އެގޮތުގައި ދެމިތިއްބަވާނެ ކަމަށެވެ. ގަފޫރު ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ ނަން ފާހަގަކުރައްވާފަ އެވެ.

“ހީފުޅު ނުކުރައްވާތި އަޅުގަނޑުމެން ފަހަތަށް ޖެހޭނެއޭ، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެންނާއެކު ވަޑައިގެންނެވި މެންބަރުން އެ ތިއްބެވީ ސާބިތުކަމާއެކު، ހަނިމާދޫ ދާއިރާގެ މެންބަރު ޝަހުދީ އެ ހުންނެވީ ވަރަށް ސާބިތުކާއެކު އަޅުގަނޑުމެންނާއެކު، އަދި އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ވެސް އަޅުގަނޑުމެންނަށް މި ވޯޓުގައި ވޯޓު ދެއްވާނެ، އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެން ބިރަކުން ނޫޅެން،” ގަފޫރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރައްވާފައިވާ ހުކުމުގައިވާ ގޮތުން ޕާޓީގެ ފިކުރާ ހިލާފުވެއްޖެނަމަ ނޫނީ، ޕާޓީ ވަކިވެއްޖެނަމަ ނޫނީ ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެހެންކަމުން މެންބަރު ޝަހުދީ ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނަވާ ޕީޕީއެމްގެ ވިލްލައިނާ ހިލާފަށް ވޯޓު ދެއްވައިފިނަމަ ގޮނޑި ގެއްލޭނެ އެވެ. މެންބަރު ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް އެދި ސިޓީ ފޮނުވާފައިވީ ނަމަވެސް އަދި ޕާޓީން ވަކިކޮށްދީފައެއް ނުވެ އެވެ. ހުކުމުގައިވާ ގޮތުން، މެންބަރަކު ޕާޓީން ވަކިވެއްޖެ ކަމަށް ކަނޑައަޅާނީ އިލެކްޝަން ކޮމިޝަނުން އެކަން އިއުލާންކުރުމުންނެވެ.

“ޔަގީންކުރައްވާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ބާލައި، މި ގައުމުގަ އަމާން އޮމާން ވެއްޓެއް ގާއިމުކޮށް ދިވެހިން ބޭނުންވާފަދަ ވެރިކަމެއް މި ގައުމުގައި ގާއިމުކޮށްދޭނަން، އެއީ އަޅުގަނޑުމެންނަށް ޝައްކުވާ ކަމެއް ނޫން، އެކަން އަޅުގަނޑުމެން ސާބިތުކަމާއެކު ކުރާނަން، ދައްކާލާ ބިރަކުން ތިޔަ ގޮތަށް ޖަހާ ކޯޓު އަމުރަކުން އަޅުގަނޑުމެން ނުސިހޭނެ، އަޅުގަނޑުމެން މިތިބީ ޖަލަށް ދާން ޖެހިއްޖެޔާ ޖަލަށް ދާން، އަޅުގަނޑުމެން މިތިބީ ފުރާނަ ދުއްވާލަން ވެސް ތައްޔާރަށް، ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ލީޑަރުންގެ އެ ހިތްވަރު އެބަހުރި،” ގަފޫރު ވިދާޅުވި އެވެ.


  1. Hajja

    Kulhudhuffuttah memberun kameh koh nudhey iru thiya ulhenee sarukaarun kuran ulhey kanthah thakah huras alhuvvanthoa ehen nuhahdhavaa thi 2 beyfulhunge godi gellumun 2 beylhunnah ves v gellun vaane alhugadumen ehen memmbereh hovaafaanan
  2. ކުޅުދުއްފުށީ ދަރިއެއް

    ތިޔަ ދެ މެންބަރުން މަޖިލީހުގެ ކުޅުދުއްފުށީ ދެ ގޮނޑި ހޫނު ކުރައްވަން ތިއްބަވާތާ 2 ދައުރު ހަމަވަނީ. ކުޅުދުއްފުށީގެ ތަރައްޤީއަށް ކޮށްދެއްވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލައްވާ! ރައްޔިތުންގެ ޙައްޤުގައި ކުރެއްވުނީ ކޮން ވަކާލާތެއްތޯ؟ ސަރުކާރު ޒިންމާދާރު ކުރައްވަން ކޮށްދެވުނު ކަމެއް ވިދާޅުވެ ބައްލަވާ/ ރައްޔިތުން ވިސްނަވާ! ކުޅުދުއްފުށި ތަރައްޤީ ނުކުރެވުނީ ސަރުކާރާ ގުޅިގެން ޒިންމާދާރު ކަމާއެކު ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކޮށްދޭނެ މެންބަރުން ނުހޮވީމާ. އަމިއްލަ އެދުމަށްވުރެ ރައްޔިތުންގެ މަޞްލަޙަތު މާބޮޑު. މެންބަރުކަމަށް ރަށުގެ ތަޢުލީމީ ޒިންމާދާރު ދަރިން އިޚްތިޔާރު ކުރައްވާ ! ލިބޭ ވަގުތީ ފައިދާއަށް ތިމާގެ ވޯޓު ވިއްކާނުލައްވާ! ގޮނޑި ގަނެގެން މެންބަރުކަމަށް ހޮވުނީމާ އިންތިޚާބީ ދާއިރާ އަށް އޮންނާނީ ކޮން ލޯތްބެއްތޯ؟ ކުޅުދުއްފުށީ ތަރައްޤީ ކުރަން ބޭނުންނަމަ، މަޖިލީހަށް ދާއިރާއަށް އުފަން މެންބަރުކަމަށް ޤާބިލު މެންބަރުން ހޮއްވަވާ! މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލު ކުރެވޭ ވަރުގެ ތަޢުލީމީ ދަރިން އެބަތިބި. އޭރުން ކުޅުދުއްފުށި ތަރައްޤީގެ އައު އުސްމިންތަކަކަށް އިސާހިތަކު ގެނެވޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތް. މިސާލެއްގެ ގޮތުން ދެކުނުގެ އަތޮޅުތައް ބައްލަވާ! ފުވައްމުލައް ސިޓީއަކަށް ބަދަލުވިއިރު، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުނުވީ ކީއްވެ؟ ރައްޔިތުންގެ ކުށަކީ ކޮބާ؟ އަތޮޅުގައި ފަތުރުވެރިކަން ތަޢާރުފް ނުވެގެން މަޖިލީހުގައި ސުވާލެއް ކޮށްލެއްވިތޯ؟ ސަރުކާރު ޒިންމާދާރު ކުރެވޭނީ މަގުމަތިންނެއް ނޫން އެހެން ނޫންތޯ! ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ މުޤައްދަސް ޙައްޤަކީ ވޯޓު ދިނުމުގެ ޙައްޤުކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ! މިހާތަނަށް އައިއިރުވެސް ކުޅުދުއްފުށީ ރައްޔިތުން ތަމްސީލު ކުރާނޭ މެންބަރުން މަޖިލީހުގައި ނެތުމަކީ ލަދުވެތިކަމެއް ނޫންތޯ!
  3. އައި

    ދަރިރާ ތިބުނި އެއްޗަކާ މުޅިއް އެއްބަސް ވެވޭކައްނެއް ރައްޔިތުންގެ ބާރުނެއް ސަރުކާރަކައް ދެވޭނެ ލަފަޔެއްވެސް ނޯންނާނެ ކުރިވޭނެ ޕުރެސަރެއް ވެސްނޯންނޭ