twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަގު ހަދަނީ އޭ ތޯ އެވެ. ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތެވެ.

Aug 8, 2017

ކުޅުދުއްފުށީގެ މަގުތައް ހަދަން ފެށިތާ މިއަހަރަށް 6 އަހަރު ވާނެ އެވެ. އެކަމަކު މިއަދާ ހަމައަށްވެސް ޒާތަކަށްވެސް ހެދިފައިވަނީ އަމީނީމަގު އެކަންޏެވެ. މަގުތައް ހެދުން ލަސްވަމުންދާތީ ސަބްކޮންޓްރެކްޓަށް ލަންކާގެ ޝިއެރާ ކުންފުންޏަށް ވަނީ އެ މަޝްރޫޢު ހަވާލުކޮށްފަ އެވެ. އަނެއްކާވެސް މަގުތައް އަލުން ހަދަން ފެށި ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު މަގުތައް ހަދަމުންދާ ފެންވަރާއި މަގު ހަދަމުންދާއިރު އާއްމު ރައްޔިތުންގެ ރައްކާތެރިކަމާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެއްމަގު ކޮނެ ނުނިއްމައި އެ ހުރި ގޮތަކަށް ބަހައްޓާފައި އަނެއް މަގު ކޮންނަށް ފަށަ އެވެ.

މަގުތައް ހަދަމުންދާއިރު އެސަރަހައްދު ބޭނުންކުރާ އާއްމުންނަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ޖެހުނުތާކަށް އެއްޗެހިތައް ދޫކޮށްލާފައި ހުންނައިރު މަގުގައި ޖަހަންގެނެސްފައި ހުންނަ ކާބް ސްޓޯންތައް މަގުތަކުގެ ކަންމައްޗަށް ވާގޮތަށް ބަހައްޓާފައި ހުންނަންތައް އާންމުކޮށް ފެނެ އެވެ. ކިރިޔާވެސް މީހަކު ޖެހިލާއިރަށް ފައިބައިގެން ދާފަދަ ނުރައްކާ ގޮތަކަށެވެ. އެއްމަގެއް “ހޭވުމަށް ފަހު” އަނެއް މަގެއް ހަދަންދާއިރު ކުރިން ހޭވި މަގުން އޮންނާނީ އޮންނާނެ ގޮތަކަށެވެ. މަގު އޮންނާނީ ބޮޑެތި ވަޅުގަނޑުތަކާއި އަޑިގުނޑަންތަކުން ފުރިފަ އެވެ. އެހެން އޮއްވާ ވާރޭ ފެންފޮދެއް ޖަހާލާފިއްޔާ ދުވަސްދިޔައީ އެވެ.

މަގާންމަގުގައި ތާރުއެޅުމަށް ތައްޔާރުކޮށްފައިވާއިރު ދުވާރުމަތީގައި ގައުތައް ބަހައްޓާފައި ހުރުމުން ހިނގާ މީހުންނަށް ދަތިތަކާ ކުރިމަތިވޭ–

މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، އެކަން ކުރަމުން އަންނަނީ އެއްވެސް ވަރަކަށް މީހުން ދިރިއުޅޭ ރަށެއް ގޮތުގައި ބަލައިގެންނެއް ނޫނެވެ. ފަޅު ރަށެއްގައި މަގު ހަދާހެން ޖެހުނުތާކަށް އެއްޗެހިތައް ދޫކޮށް ޖެހުނު ގޮތަކަށް ބަހައްޓަމުންނެވެ. ސްކޫލުތަކުގެ ކައިރީމަގުތައް ހަދަމުންދާއިރުވެސް ދަރިވަރުން ނިކުމެ ވަދެ އުޅޭ ގަޑިއަކަށް ބެލުމެއް ނެތި ބޮޑެތި ހެވީ ވެހިކަލްތައް ބާރު ސްޕީޑްގައި ދުއްވަނީ އެވެ.

ތާރު އޮއްސާލުމަށް މިހާރު ތަރައްޔާރުކޮށްފައިވާ މަގާންމަގާއި ފަނޑިޔާރުމަގު ދުވާރުމަތީ ހުރީ ހުސް ގަލެވެ. އެހެންކަމުން ހިނގާ މީހުން ބޭނުންކުރަން ޖެހެނީ ވެލިކަލްތައް ދުއްވާ މަގު މެދެވެ. ރައްކާތެރިކަމެއް ނެތެވެ. މަގުތައް ހަދަމުންދާއިރު މަގު ހަދާކަމުގެ ބޯޑުތަކެއްވެސް ގިނަ ފަހަރު ނުހުރެ އެވެ. އެކަމަކު ރައްޔިތުން މީހަކު މިފަދަ ކަމެއް ކޮށްފިނަމަ ތަފާތު އެކި ފިޔަވަޅުތައް އަޅައެވެ. މިކަންކަން ބަލާނެ ވެރިޔަކު ފަހެ އުޅޭ ހެއްޔެވެ.

ހދ އޭއީސީ ގޯޅިތެރޭގައި ބަހައްޓާފައިހުރި ކާބް ސްޓޯންތަކެއް–

ކައުންސިލުން އެކަންތައް ރަނގަޅު ކޮށްދިނުމަށް އެދި އެމްއާރުޑީސީ އާ ބައްދަލުކޮށް އެކަންކަން އިސްލާހުކޮށްދިނުމަށް އެދިފައިވެ އެވެ. އެކަމަކު އެކަންކަމަށް ހައްލެއް ނުލިބެ އެވެ. އެމްއާރުޑީސީގެ އޮފީހެއް ކުޅުދުއްފުށީގައި ހުންނައިރު ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިކަންކަމާމެދު ވިސްނުން ގެންގުޅުއްވާހެނެއް ހިއެއް ނުވެއެވެ. މަގު ހަދާއިރު ރައްޔިތުންނަށް އުނދަގުލާވެސް ކުރިމަތިވާނެ އެވެ. އެކަމަކު މިގޮތަކަށް ނޫނެވެ. މަސައްކަތްތައް ދާން ޖެހޭނީ ތަރުތީބުކުރެވި ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެ ގޮތްތަކަށް ބަލައިގެންނެވެ. މަގު ހެދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރައްޔިތުންނަށް ރައްކާތެރި ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ފަހިކުރުމެވެ. އެކަން ކުރަން ޖެހޭނީވެސް ރައްޔިތުންގެ ރައްކާތެރިކަމާ ރައްޔިތުންނަށް ވީހާވެސް ދަތިކަން ކުރިމަތި ނުވާނެ ގޮތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355