twitterviber whatsapp telegramfacebookyoutube instagram
27th April 2024

ލަނގިރީގެ ރިވެތި ތާލަށް ކުޅުދުއްފުށީގެ އަޚުލާޤު ފައިހަމަކުރާންޖެހިފައި!

Jun 29, 2023
1

ކުޅުދުއްފުށްޓަކީ ރިވެތި އާދަކާދައަކާއި ސަޤާފަތެއްގެ ވެރި ރައްޔިތެއް ދިރިއުޅެމުންދާ ރަށެއްކަމީ ޝައްކެތް ވެސް އޮތްކަމެއް ނޫނެވެ. ވަކީން ޚާއްސަކޮށް އެކި މުނާސަބަތުތަކާ ގުޅިގެން ކުޅެމުން އައިސްފައިވާ ހިތްގައިމު މޫސީގީ ކުޅިވަރުތަކުން ވެސް ކުޅުދުއްފުށްޓަކީ ސަޤާފީގޮތުން އެވޭލާ މި ދިވެހި ހަޟާރަތުގެ އެއް ކުރިބޯށިކަން ރަމްޒުކޮށްދެއެވެ. ޢީދު ފަދަ މުނާސަބާތަކުގައި ކުޅެމުން ދިޔަ ތާރަޖެހުމާއި ދަނޑިޖެހުމާއި ބަނޑިޔާ އާއި ފަތިގަނޑު ޖެހުމާއި ކުރުފައްޔާއި ލަނގިރިޖެހުން ފަދަ ކުޅިވަރުތައް ނުފެންނަތާ އެތަކެއް ޒަމާންތަކެއް ވެއަތުވެގެން ދިޔަފަހުން، މި އަހަރުގެ ބޮޑު ޢީދުގައި މ. މުލީގެ ލަނގިރި ގުރޫޕެއް ކުޅުދުއްފުށީގައި ލަނގިރިޖަހާނެކަން އިޢުލާނުކުރެވިގެން ދިޔުންވީ ކުޅުދުއްފުށިން ވެސް އުވެމުންދާ މިފަދަ ޚާއްސަ ކުޅިވަރުތައް އަލުން ދިރުވާ އާލާކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަން އިހުސާސްކުރެވުނު ކަމަކަށެވެ.

ލަނގިރީގެ ކަވި ފައިހަމަކުރުންތަކުން އާޝޯޚުކޮށްލައިފި

ލަނގިރިއަކީ އެކި ކަހަލަ މާފަތިތަކާއި މާގަނޑުލީ ދަނޑިހިފައިގެން ފަރިރާގުތަކަށް ކިޔާ ލަވަތަކާއެކު ބޮޑުބެރަށް ފައިހަމަކޮށް ނަށަމުން ކުޅޭ ކުޅިވަރެކެވެ. މުލީގެ ލަނގިރި ގުރޫޕުގެ ފަރި ހަރަކާތްތަކާއި ފޯރީގައި ކިޔަމުންދިޔަ ލަވަތަކުން ހިތުގެ އެންމެ ހިމަނާރާ ވެސް ކުޅެމުން ދިޔަފަދައެވެ. "ހޯދައިދޭށޭ ޔާރާ ނަލަރޯޅިއާއޭ، ގުޅިފައިވަނީ އޭނާ މި ހިތާލެޔާއޭ" އޭ ބުނެ އިއްވަމުންދިޔަ ޖާޒުބީ ރާގުގެ މަސްތުގައި ކުޅިބަލަން ތިބި ކުދިބޮޑު އެންމެން ޖެހިފައި ތިބިކަން ހާމަވީ، އެންމެ އަކުރެއް ކީއްތޯ، އެންމެ ފިއްޔެއް ވެސް ވައްޓައިނުލާ އެ ލަވަ އަޑުދަށުން ކިޔަމުން ދިޔަގޮތުންނެވެ. އަދި ކީއްތޯއެވެ. ލަވަތަކުގެ ތާލަށް އެންމެ ކޮރެއް ވެސް ވައްޓައިނުލާ ފައިހަމަކޮށް ނަށަމުން ދިޔަ ނެށުންތެރީންގެ ޖާދޫގައި ޖެހި އާޝޯޚުވެފައި ތިބިވަރުން މާފައްޗާއެކު ނެށުންތެރިން އެނބުރިލާއިރު ކުޅިބެލުންތެރީންގެ މޫނުތަކުގައި އެ މާފަތިތައް ހޭކެމުން ދިޔައިރު ވެސް ތިބީ ފަހަތަށް ޖެހިލާން ވެސް ނޭނގިފައެވެ.

މުލަކު އަތޮޅަކީ ލަނގިރިޖެހުމަށް އެންމެ އަރާތިބި މީހުންނޭ މުޅި ރާއްޖޭގައިހެން ކިޔަމުން އެދަނީ ކީއްވެގެންކަން އެވެރިން ފިސާރި ރަނގަޅަށް ސާބިތުކޮށްދީފިއެވެ. ލަނގިރި ފަދަ ސަޤާފީ ރީތި ކުޅިވަރެއް ކުޅުދުއްފުށީގައި ތަމުސީލުވެގެން ގޮސްފައިނުވާތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ހަމަ ޔަގީނުން ވެސް ވެއަތުވެގެން ދިއުމަށް ފަހު އަލުން މިފަދަ ކުޅިވަރެއް ފެނުމުން އެ ކުރުވި އިހުސާސަކީ ދިވެހި ލޭ ހިތުގައި އަދިވެސް ހިނގަމުންދާކަން ހަނދާންކޮށްދިން ކަމެކެވެ.

އިންތިޒާމުކުރުން 'ހަވަޔަށް'، ތަރުހީބުދިނުމުގައި ކުޅުދުއްފުށި ފަހަތަށް!

ކުޅުދުއްފުށި ފަދަ އާބާދީ ބޮޑު ރަށެއްގައި ކުޅިވަރުތަކުގެ އިންތިޒާމުތައް ހުންނާންވާނީ ކުޅިބެލުންތެރީންނަށް ހަމަޖެހިގެން ތިބެ އެ ކުޅިވަރުތައް ބަލައިލެވޭނޭގޮތަށެވެ. ކުޅުދުއްފުށީގައި ލަނގިރިނުޖަހާތާ ގިނަދުވަސްތަކެއް ވެފައިވާތީ، އެއީ ކިހިނެއް ކުރިއަށްދާ ކުޅިވަރެއްކަން އިންތިޒާމުކުރުމުގެ ހަވާލުދާރުންނަށް ފަހުމުވެފައި ނެތަތީ ތޯއްޗެކެވެ. އެހެންނަމަވެސް ނޭނގޭ ކަންކަން އަހައި އޮޅުފިލުވުމަކީ ކަންކުރާން ޖެހޭގޮތެވެ. އިސްޓޭޖަކާއި އަޑުގަދަކުރާ ހުރެމެ އޭގެ ބޭނުން އެދެވޭގޮތުގައި ހިފުނުތަނެއް ނުފެނުނެވެ. ލަނގިރި ގުރޫޕު ލަނގިރި ޖަހަން ޚާއްސަކޮށްފައިވާ މާލަމަށް ދިޔުމާއެކު، ކުޅިބަލަން އެއްވެފައި ތިބި އެންމެންހެން ދުވެފައިގޮސް އެމާލަން ވަށާލުމުން ގިނަބަޔަކަށް ލަނގިރި ފެންނަގޮތެއް ނުވިއެވެ. އަޑުގަދަކުރާގެ ކޮންމެވެސް އައިބުކަމަކުން ލަވައިގެ އަޑު އެ ހުންނާންވީ ފަންވަރުގައި ނެތަތީވެ ލަވަތައް ސާފުކޮށް އިވޭގޮތެއްމެ ނުވިއެވެ.

ނަތީޖާއެއްގެ ގޮތުން ދެން ފެނިގެން ދިޔައީ ކުޅުދުއްފުށީ ރައްޔިތުންގެ ލާނަތްކަމުގެ އިންތިހާއީ ދެރަވަރު ގޮތްގަނޑެވެ. ލަނގިރި ގުރޫޕުގެ އިހުމާލަކާނުލައި މި ދިމާވި ކަންތައްތަކުން، ހިތްހަމަނުޖެހިފައި ތިބި ކުޅިބެލުންތެރީންގެ ރުޅިގަނޑު އަމާޒުކޮށްލީ ލަނގިރި ގުރޫޕަށެވެ. ދޭންޖެހޭ ރިވެތި ތަރުހީބުގެ ބަދަލުގައި އިވުނީ ބޭއަދަބީ ބަސްތަކުން މާހައުލު ކިލަނބުކުރަމުން ދިޔަ އަޑެވެ. މި ކުރެވެނީ މާ މަޖާކަމެއް ކަމަށް ދެކިގެން އަވަގުރާނައަށް ވާ ޒާތުގެ ބަސްތައް ގޮވަމުން ދިޔައިރު ދަޢުވަތުދީގެން ރަށުން ބޭރުން ގެނެވުނު އެ މެހެމާނުންގެ ކުރިމަތީ ވެއްޓެމުން ދިޔައީ ކުޅުދުއްފުށީގެ އަގުކަމެއް އެވެރީން ހަނދާނެއް ނެތެވެ. ލަނގިރީގެ ކޮންމެ ކަވި ފައިހަމަކުރުމަކުން ކާބަފައިގެން ފަރާތުން ވާރުތަވެގެން އައި އެވޭލާ ސަޤާފަތުގެ މޫނު މައްޗަށް ޖެހެމުން ދިޔައީ 'ދޮހާފައި ރަތްކުޅުކަމެއް' ރޭކާނުލިއެވެ. ރަށުން ބޭރު މެހެމާނުންތަކެއްގެ ކުރިމަތީ ކުޅުދުއްފުށީގެ ރީތިނަމާއި މެހެމާންދާރީ ވެއްޔާމޮޑެވިގެން ދިޔުންވީ ކުޅުދުއްފުށީގެ ދަރިއަކަށް ވީތީ ލަދުގަންނާންޖެހުނު ކަމަކަށެވެ. ކާބަފައިގެން ރިވެތި ސަޤާފަތަށް އެއްވެސް ލޯތްބެއް ނެތްތަން ފެނުމުން އަސަރުކުރިވަރުން އިތުރަށް ހުންނާން އުނދަގޫވެގެން ޖެހުނީ އެ މައިދާން ދޫކޮށް ދާށެވެ.

އިސްވެ ދެންނުވުނު ފަދަ ތާރަޖެހުމާއި ދަނޑިޖެހުމާއި ބަނޑިޔާ އާއި ފަތިގަނޑު ޖެހުމާއި ކުރުފައްޔާއި ލަނގިރިޖެހުން ފަދަ ހައިބަތު ހުރި ކުޅިވަރުތަކަށް އޮތް ލޯތްބާއި ޤަދަރު ފަނޑުވެ، ކޫސަނި ކުޅިވަރުތައް ކުޅުދުއްފުށީގެ ރައްޔިތުންނަށް 'ސަޅިވީ' ވިސްނުމަށް ކޮންބަދަލުތަކެއް އައިސްގެންތޯ، މިއީ މިއަދު ވިސްނާލަން ޖެހޭ މުހިއްމު ސުވާލަކަށް ވެއްޖެއެވެ. އާރުލާ ހިތްގަމު ނަލަ ކުޅިވަރުތަކަށް އޮތް ތަރުހީބު ނެތިގެން ގޮސް، އީދުކުޅިވަރުގެ ނަމުގައި މިހާރަކަށް އައިސް ގިނައިން ކުޅެވެމުން މިދާ އޮއްޓަރެއް ނެތް ލަޓޯފަޓޯ އެއްވުންތަކާ މަސްހުނިވެ އިހުގެ ރީތި ކުޅިވަރުތަކުގެ އަސްލުގެއްލެމުން މިދަނީ ކޮންބަޔަކު ކިހާ ހިސާބަކުން އަޅާންފެށި ކަތި ފިޔަވަޅުތަކަކުންތޯ ވިސްނާލަން އެބަޖެހެއެވެ. ހަރު މީހުންގެ ފަރާތުން ނަމޫނާއަކަށް ދައްކަމުން މިދާ ބޭއަދަބީ ބަސްތަކާއި ގޮތެއް ފޮތެއްނެތް ބާޒާރުމަތީ ގޮތްގަނޑުގެ އަވާގައިޖެހި ޅަ ޖީލު ހަލާކުވެ ދިވެހީން މާތް އުޅުމާއި ގުޅުންތައް ނެތިގޮސް، އެންމެ ފަހުން ދިވެހި ޤައުމިއްޔަތާއި އިސްލާމީ ރިވެތި އަޚުލާޤު ކުޅުދުއްފުށީގެ ހަފޮޅުން ބޭރުވެގެން މިދަނީ ޒަމާނީ 'ތަހުޒީބު' ކޮންގޮތަކަށް ރީތިވެގެން އެޔަށް ދީލައިލެވިގެންތޯ ހަމަ ކޮންމެ ފަރުދަކުމެ ސުވާލުކުރާން އެބަޖެހެއެވެ.

އެހެންނޫނީ ލަނގިރީގައި އިއްވަމުން ދިޔަ ލަވައިގައި އެ ބުނާހެން "ބުނެދެންހޭ އަދު ހިތުގައި ވާތަދު" މިފަދަ އެންމެ ލިޔުމަކުން އަރުޝީފުކުރެވިގެން ދާނީއެވެ. އަދި އެޔާއެކު، ދިވެހީން މައުނަވީ އާދަކާދަ އާއި ސަޤާފަތުގެ އެއް ކުރިބޯށިކަމުގައި ބެލެވޭ ކުޅުދުއްފުށްޓަށް އެ މަޤާމު ގެއްލިގެންދިޔުން އޮތީ މާދުރަކުނޫނެވެ.

ލިޔުނީ: ހާޝިމް އަބޫބަކުރު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355