މިއަހަރުގެ ބޮޑު އީދުގައިވެސް ކުޅުދުއްފުށީގައި ފޯރިގަދަ މިއުޒިކް ޝޯތަކެއް ދިނުމަށް ތައްޔާރުވެއްޖެ އެވެ.
އެގޮތުން އީދުގެ ފުރަތަމަ ރޭ ޝޯ ދިނުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) ބޭންޑެވެ.
ސްޓޭޖް ޝޯތައް އިންތިޒާމުކުރާ ޒައިނޯރާއިން ބުނީ، ޝަމްވީލްގެ ބޭންޑާއެކު ނަށާ ގުރޫޕެއްވެސް ހަރަކާތްތެރިވާނެ ކަމަށާއި އެ ގްރޫޕް މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ޔަގީންވެގެންދާނެ ކަމަށެވެ.
އީދުގެ ދެވަނަ ރޭ ޝޯ ދިނުމަށް ހަމަޖެހިފައިވަނީ މިފަހުން ވައިރަލްވި 'މަރްޔަމް މާ' ލަވަ ނެރުނު އެކަތި ބޮޑުބެރު ގުރޫޕެވެ.
ތިންވަނަ ރޭ މަޝްހޫރު ޒުވާނުން ލަވަކިޔުންތެރިން ހިމެނޭ ޓްރޮޕިކްސް ހުށަހެޅުންތައް ފެނިގެންދާނެ އެވެ. އެ ބޭންޑްގައި ހިމެނޭ ލަވަކިޔުންތެރިންގެ ތެރޭގައި އަބުދުﷲ ހިޝާން އާއި މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި އައިމިނަތު ސައިނާ ހިމެނެ އެވެ.
އަދި ތިންވަނަ ރޭ ޓްރޮޕިކްސް ބޭންޑާއެކު ސްޓަރސް ޕްރޯ ޑާންސް ގުރޫޕްގެ ފަރި ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ. ޕްރޯ ޑާންސް ގުރޫޕްގައި ހަރަކާތްތެރިވާ މަޝްހޫރު ފަންނާނުގެ ތެރޭގައި ފަރީލާ، ޝިފާ، ރޯމަން، އަޒޭ، އަދި ޖުމައިލް ހިމެނެ އެވެ.
ތިންވަނަ ދުވަހުގެ ހަވީރު އޮންނަ ކުޑަކުދިންގެ ސްޓޭޖް ޝޯވެސް ހުށަހަޅައިދޭނީ ޓްރޮޕިކްސް ބޭންޑާއެކު ސްޓަރސް ޕްރޯ ޑާންސް ގުރޫޕެވެ.
ޒަމާނުންސުރެ ކުޅުދުއްފުށީގައި އަންނަނީ ބޮޑުއީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތަކުގެ އިތުރުން ތަފާތު މާލި ޕެރޭޑާއި ފޯރިގަދަ ސްޓޭޖް ޝޯތައްވެސް ކުޅެ އެވެ.