twitterviber whatsapp telegramfacebookyoutube instagram
27th May 2026

ދައްސޫރައިގެ އީދު މާލި: މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ ފުރިހަމަ ނަމޫނާއެއް

އަބްދުލް ވާހިދު ޙަސަން
May 27, 2026

"ދައްސޫރަ ބޮޑުބެރު ގުރޫޕުން" އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް ބާއްވަމުން އަންނަ އީދު މާލި ނުވަތަ ފަންމާލި ކުޅިވަރަކީ، ދިވެހި ސަގާފަތާއި މަސައްކަތްތެރިކަމުގެ ފުރިހަމަ ނަމޫނާއެކެވެ. މިއަހަރަކީ މި ހަރަކާތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ތިންވަނަ އަހަރެވެ.

މި ހަރަކާތުގެ އެންމެ ހާއްސަ އެއް ސިފައަކީ، މާލިތައް ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ ދިވެހިވަންތަ ތަކެއްޗެވެ. ރުކުގެ ފަނާއި ކެޔޮފަތް ބޭނުންކޮށްގެން، ނުހަނު ފަރުވާތެރިކަމާއެކު ވިޔެފައިވާ މި މާލިތަކުން ފެނިގެންދަނީ ދިވެހިންގެ ކާބަފައިންގެ ވިޔުމުގެ ފަންނުވެރިކަމެވެ. މިއީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ. މިއީ އިހުގެ ފަންނުވެރިކަން އަންނަން އޮތް ޖީލުތަކަށް ދިރުވައި އާލާކޮށްދޭ ދިރިހުރި މައުރަޒެކެވެ.

ކުޅުދުއްފުށީގެ ފޯކްލޯކް ނުވަތަ ފުލޯކު ވާހަކަތަކުގެ ތެރޭގައި ހިމެނޭ ތަފާތު ސޫރަތައް މި ހަރަކާތުގެ ތެރެއިން ދިރިގެން އާދެއެވެ. އެގޮތުން ބަލާލާއިރު، މާރިނދާއި ހައިހެޅެ، ދެބޯގެރި، ދޫނިމާލި، މުޅޯށި މާލި، ހަތްބޯރާހި، ބޮޑުމަސް، ވެލާ، ދިލަމަސް އަދި ބޯވާދިލަސް މަސް ފެނިގެންދެ އެވެ.

މިއަހަރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ހަރަކާތުގައި 70 އަށްވުރެ ގިނަ މާލި ހަރަކާތްތެރިވެފައިވާއިރު، ކޮންމެ މާލިއަކީވެސް ތަފާތު ސިފަތަކަކާއި، ތަފާތު ފަރުމާތަކަކަށް ތައްޔާރުކޮށްފައިވާ ފުރިހަމަ މަސައްކަތެކެވެ.

ދައްސޫރަ ގުރޫޕުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ކުޅުދުއްފުށީގެ އީދު ފޯރި އިތުރުކޮށްދީ، ރަށުގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ނުހަނު އަގުހުރި ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355