twitterviber whatsapp telegramfacebookyoutube instagram
23rd March 2026

އުރީދޫ ކޮރަލްސް މަސް ރޭހުގެ ޗެމްޕިއަންކަން އެމްއެންޑީއެފަށް، އެންމެ މޮޅު ކެޔޮޅުންނަށް ހަސަން އަދި ސާމިޔާ

މުޙައްމަދު އަހުމަދު
Mar 23, 2026

ކޮންމެ އަހަރެއްގެ އީދުގައި ކުލަބް ކޮރަލްސްއިން ބާއްވަމުން އަންނަ އުރީދޫ ކޮރަލްސް މަސް ރޭސް 1447 ގެ ޗެމްޕިއަންކަން އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓްއިން ހިއްލާލައިފި އެވެ.

މިމަސްރޭހުގެ މަގުސަދަކީ ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ މެދުގައި އިޖްތިމާއީ އެއްބައިވަންތަކަން އިތުރުކުރުން ކަމަށް ކުލަބް ކޮރަލްސްއިން ބުނެފައިވެ އެވެ. އަދި އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ މުވައްޒަފަކަށް ވެސް މިމަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ކޮރަލްސްއިން ފާހަގަކުރެ އެވެ.

މިއަހަރުގެ މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލަފައިވާއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓުންނެވެ. އެޓީމުން ވަނީ މިމުބާރާތުގައި ރެކޯޑް އަދަދަކަށް، ޖުމްލަ 191.8 ކިލޯގެ މަސް ބާނާފަ އެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ޖުމްލަ 99.8 ކިލޯގެ މަސް ބާނައިގެން ވެމްކޯއިންނެވެ. އަދި ތިންވަނައަށް ދިޔައީ ޖުމްލަ 97.35 ކިލޯގެ މަސް ބޭނި ޓީމް އެމްޑަބްލިއުއެސްސީ އެވެ.

އެންމެ ގިނަ މަސް ބޭނި އަންހެން އަދި ފިރިހެން ކެޔޮޅު ކޮންމެ އަހަރަކުވެސް ހޮވަމުން އަންނައިރު މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ހާސިލް ކުރީ އާރްއާރްސީގެ ހަސަން އިބްރާހިމް އެވެ. ހަސަން ވަނީ މުބާރާތުގައި ޖުމްލަ 26 މަސް ބާނާފަ އެވެ. އަދި 15 މަސް ބާނައިގެން އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ހޯދީ ޔުނައިޓެޑް ބީއެމްއެލްގެ ސާމިޔާ އިބްރާހިމް އެވެ.

އެންމެ ބަރު މަސް ބޭނި ފަރާތަކަށް މިއަހަރުގެ މުބާރާތުގައި ހޮވިފައިވަނީ 6.35 ކިލޯގެ މަހެއް ބާނައިގެން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ފަތުހުﷲ އާދަމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355