ކޮންމެ އަހަރެއްގެ އަލްހާ އީދުގައި ކުލަބް ކޮރަލްސްއިން ބާއްވަމުން އަންނަ ކުޅިވަރުތަކުގެ ތެރެއިން ކޭސީ ކޮފީ ކޯނަރ ކޮރަލްސް އީދު ކުޅިވަރު 1447 މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާދަމާ ކުޅުދުއްފުށީ ރަށްމަތިފަންނު ކުރިމަތީގައި އޮންނަ ބީޗް އެރީނާގައި ފެށޭ މި އީދު ކުޅިވަރުގައި ފެނިގެންދާނީ ފައިގަތެޅުމުގެ މުބާރާތެކެވެ. މިއީ ދެޖިންސަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ކުލަބް ކޮރަލްސްއިން އިންތިޒާމުކުރަމުން އަންނަ މުބާރާތެކެވެ.
ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ކުލަބް ކޮރަލްސްގެ ރައީސް އަމްޖަދު ހަސަން ބުނީ މިމުބާރާތަކީ ބޮޑު އީދާ ގުޅުވައިގެން ކުޅުދުއްފުށީގެ ކުޅިވަރަށް ލޯބިކުރާ ކުދިބޮޑު އެންމެންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އިތުރުކޮށް އާލާކުރުމުގެ މަގްސަދުގައި އެކުލަބުން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.
އެހެން އަހަރުތަކުގައި ކޮރަލްސް ވާދެމުން ވެސް އޮވެ އެވެ. އެހެންނަމަވެސް އަމްޖަދު ބުނިގޮތުގައި މިއަހަރުގެ ވާދެމުމުގެ މުބާރާތް ވަނީ މިއަހަރުގެ މިނިވަން ދުވަހު ބާއްވާ ގޮތަށް ރާވާ ފަސްކުރެވިފަ އެވެ. ވާދެމުން ނެތް ކަމުގައިވީ ނަމަވެސް ފައިގަތަޅާ މުބާރާތް ފޯރިއާއެކު ކުރިއަށްދާނެ އެވެ.
މިއަހަރުގެ ފައިގަތަޅާ މުބާރާތުގެ ޖުމްލަ 3 ދުވަހުގެ ތެރޭގައި 63 މެޗު ކުޅެވޭނެ އެވެ. މިފަހަރުގެ މުބާރާތުގައި އަންހެން 11 ޓީމު ވާދަކުރާއިރު ފިރިހެން 15 ޓީމު ވާދަކުރެ އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ.




