twitterviber whatsapp telegramfacebookyoutube instagram
28th July 2026

އިންޓަރ އޮފީސް ކޮރަލްސް ވާދެމުން މުބާރާތް 2026 ގެ ފައިނަލްގައި ރޯޑް އާރު.ސީ ބަލިކޮށް، މުޅި މުބާރާތުގެ ތަށި ކުލަބު ބިނާރާއިން އުފުލާލައިފި

މުޙައްމަދު އަހުމަދު
Jul 27, 2026

ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށް ގެންދިޔަ "އިންޓަރ އޮފީސް ކޯރަލްސް ވާދެމުން މުބާރާތް 2026" ގެ ފޯރިގަދަ ފައިނަލް މެޗުގައި، ވަރުގަދަ ރޯޑް ރެކްރިއޭޝަން ކުލަބު (RRC) ގެ މައްޗަށް ކުރިހޯދައި މުޅި މުބާރާތުގެ ޝަރަފުވެރި ޗެމްޕިއަންކަން ކުލަބު ބިނާރާއިން ހޯދައިފި އެވެ.

ބެލުންތެރިންގެ ނޭވާ ހިފަހައްޓާލަންޖެހުނު މި ފައިނަލް މެޗުގައި ކުލަބު ބިނާރާއިން ދެއްކީ އަޒުމާއި، އެކުވެރިކަމާއި، އަދި ނުގުޑާފަދަ ވަރުގަދަ ހިތްވަރެކެވެ. މިއަދު ހަވީރު 16:45 ގައި މައިދާނަށް ދެޓީމު ނުކުތްއިރުވެސް ކުޅުންތެރިންގެ މޫނުމަތިންވެސް ފެނިގެންދިޔައީ މުބާރާތުގެ ތަށި އުފުލާލުމަށްޓަކައި އޮތް ވަރުގަދަ ޝައުގުވެރިކަމެވެ.

ރޯޑް އާރު.ސީ އިން މެޗު ފެށީ ވަރަށް ވަރުގަދަ އުކުޅުތަކަކާއެކު، ވާދަވެރިކަން ބޮޑުކުރުމުގެ މަގުސަދުގަ އެވެ. ނަމަވެސް، ކުލަބު ބިނާރާގެ ކުޅުންތެރިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ކޯޗުގެ އިރުޝާދާއެކު ދެއްކި ހިތްވަރުން މެޗުގެ ކޮންޓްރޯލް އެޓީމުން އަތުލި އެވެ. މިމެޗު ބިނާރާއިން ކާމިޔާބުކުރީ 2-1 އިންނެވެ.

ސެމީ ފައިނަލް މެޗުގައި ވަރުގަދަ ޓީމު އެމް.ޑަބްލިޔޫ.އެސް.ސީ (Team MWSC) 2-0 އިން ބަލިކޮށް ފައިނަލަށް ދަތުރުކުރި ކުލަބު ބިނާރާއިން ފައިނަލް މެޗުގައިވެސް ތަކުރާރުކުރީ އެ ކާމިޔާބީ އެވެ. ވާދެމުމުގެ ކޮންމެ ސިކުންތެއްގައިވެސް ދެޓީމުގެ ކުޅުންތެރިންގެ ގައިން އޮހޮރެމުންދިޔަ ދާފޮދާއެކު، ބިނާރާގެ ހިތްވަރުގަދަ ކުޅުންތެރިން ވަނީ ރޯޑް އާރު.ސީގެ ބާރުތައް ގުޑުވާލައި، މުބާރާތުގެ ނިންމުން އެމީހުންގެ ކޮޅަށް އަނބުރާލާފަ އެވެ.

ސެމީ ފައިނަލް 1 ގައި ދިރާގު 2-0 އިން ބަލިކޮށް ފައިނަލަށް އައި ރޯޑް އާރު.ސީ އަށް ފައިނަލް މެޗުގައި ބިނާރާގެ ވަރުގަދަ ހިފަހައްޓާލުމުގެ ކުރިމަތީގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނެވެ. މުޅި މުބާރާތަށް ބަލާއިރު، ގްރޫޕް ބީ ގައި ހިމެނުނު ކުލަބު ބިނާރާ ވަނީ ގްރޫޕް ސްޓޭޖުގައިވެސް ތަފާތު ބޮޑު ކުޅުމެއް ދައްކާފަ އެވެ. ކުޅުނު މެޗުތަކުން 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދައިގެން ސެމީއަށް ދިޔަ ބިނާރާއިން ވަނީ ގްރޫޕް މެޗެއްގައި ޓީމު ކޭ.ސީ.ސީ.އާރު.ސީ (Team KCCRC) 2-0 އިން ބަލިކޮށް، އެމީހުންގެ ވަރުގަދަކަން ސާބިތުކޮށްދީފަ އެވެ.

މީގެއިތުރުން ކަސްޓަމްސް އާރު.ސީ އާއި ޓީމު ވެމްކޯގެ މައްޗަށްވެސް ބިނާރާއިން ކުރިހޯދާފައިވެ އެވެ. މުބާރާތުގެ ތިންވަނަ ހޮވި މެޗުވެސް އޮތީ މައިދާނުގައި ފޯރިގަދަ މެޗަކަށް ވެފަ އެވެ. މިއަދު ހަވީރު 16:30 ގައި ކުޅެވުނު މެޗުގައި ބައްދަލުކުރީ ދީރާގު އާއި ޓީމު އެމް.ޑަބްލިޔޫ.އެސް.ސީ (Team MWSC) އެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިއީ ވެސް ފޯރިގަދަ މެޗަކަށް ވެގެންދިޔަ އެވެ.

މި މުބާރާތަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ކުލަބް ކޮރަލްސްއިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ގްރޫޕް އޭ އިން ޓީމު އެމް.ޑަބްލިޔޫ.އެސް.ސީ އާއި ރޯޑް އާރު.ސީ ސެމީއަށް ދިޔައިރު، ގްރޫޕް ބީ އިން ދިރާގާއި ކުލަބު ބިނާރާ ސެމީއަށް ދަތުރުކުރުމުންވެސް އެނގިގެންދިޔައީ މުބާރާތުގެ ހުރިހާ ޓީމެއްގެވެސް ފެންވަރު ވަރަށް އެއްވަރުކަމެވެ.

މިފަހަރުގެ މުބާރާތުގެ ހާއްސަ ވަނަތަކަށް ބަލާލާއިރު އެންމެ ބެސްޓް ސަޕޯޓަރުންގެ މަގާމު ލިބުނީ ކުލަބް ބިނާރާ އަށެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ބިނާރާގެ ކޯޗު އަބްދުﷲ އާމިރެވެ.

ކްލަބް އެޗްޑީކޭ، ކޭޕީއާރުސީ، ކޭއާރުއެޗު އަދި ކަސްޓަމްސް ފަދަ ޓީމުތަކުންވެސް ވަނީ މުބާރާތުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ. މުޅި ޓީމުގެ އެކުވެރިކަމާއި، އެއް ރޫހުގައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން "އިންޓަރ އޮފީސް ކޯރަލްސް ވާދެމުން މުބާރާތް 2026" ގެ ފަހުރުވެރި ތަށި އުފުލާލުމުގެ ޝަރަފު ކުލަބު ބިނާރާއަށް ލިބިގެންދިޔައިރު މި ކާމިޔާބީއާއެކު ބިނާރާވެގެން ގޮސްފައިވަނީ މި އަހަރުގެ ވާދެމުމުގެ ރަސްގެފާނުންގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355