twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކަރަންޓަށް ހައްލެއް ނުހޯދި ފުރަތަމަ ޓެސްޓުން ސަރުކާރުގެ ކެންޑިޑޭޓުން ފެއިލްވެއްޖެ!

- ކަރަންޓް ކެނޑޭތާ ދޮޅުމަސްވެގެން ދިޔައިރުވެސް އެ މައްސަލައަށް ވަގުތީ ހައްލެއްވެސް ނުހޯދުނު. މިއީ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުހޯދީ މިހާ ގިނަދުވަސްވީ ފުރަތަމަ ފަހަރު.

އަބްދުލް ވާހިދު ޙަސަން
Mar 27, 2024
7

އިންޖީނެއް ނުވަތަ ޓްރާންސްފޯމަރެއްގައި މައްސަލަ ޖެހި ނުވަތަ ހަލާކުވެގެން ދޭތެރެ ދޭތެރެއިން ކުޅުދުއްފުށިން ކަރަންޓްގެ ހިދުމަތް ކެނޑެއެވެ. މިއީ އާކަމެއް ނޫނެވެ.

އެކަމަކު މިފަހަރު ތަފާތުވީ މައްސަލަ ހައްލުކުރަން ނަގާ މުއްދަތެވެ. މަސްދުވަސްވެގެންދިޔައިރުވެސް މި މައްސަލައަށް ހައްލެއް ނުގެނެވި މިފަހަރު މާގިނަ ދުވަސްވެއްޖެ އެވެ. މިވީ ކިހެނެތްބާ އެވެ. ބޮޑު އިންތިހާބެއް ކުރިމަތީގައި އޮތްވާ ރައްޔިތުންނާ މިހާ ގުޅުން ހުރި ހައްހާސް މައްސަލައެއް ހައްލުނުވެ މިހެން ދިގުލާ ދިއުމަކީ ހަމަ ޔަގީންނުވެސް ސަރުކާރަށްވެސް ލިބޭނެ ގެއްލުމެކެވެ. ނޫނީ ސަރުކާރަށް ކުޅުދުއްފުށީގެ ދެ ގޮނޑި މުހިންމު ނޫނީ ބާ އެވެ. މިއީ މުޅިންވެސް ރައްޔިތުންގެ ހިތުގައި އުފެދޭ ޝުއޫރުތަކެވެ.

ސަރުކާރެއް ދެމި އޮތުމަށް އެންމެ މުހިންމު ބާރަކީ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތަށްވާއިރު މިހާ ބޮޑު އާބާދީއަކަށް ސަރުކާރުން މިހާ "ގަޔަށްދޫކޮށް" އަމަލުކުރާއިރު "ސަރުކާރުގެ" ކެންޑިޑޭޓުންގެ ބާރު ސަރުކާރުގައި ނެތްކަން ވަރަށް ބޮޑަށް މިކަމުން ހާމަވެ ޔަގީންވެގެންދެ އެވެ.

ރައީސް މުއިއްޒު ތާއިދުކުރައްވާ ކެންޑިޑޭޓެއް ކުޅުދުއްފުއްޓަކު ނެތެވެ. އެކަން އެންމެ ބޮޑަށް ޔަގީންވީ އެމަނިކުފާނު ދާދިފަހުން ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާ އިންނެވެ. ގިނަ ރައްޔިތުން އުންމީދުކޮށްގެން ތިބީ އެ ޖަލްސާގައި ސަރުކާރުގެ ކެންޑިޑޭޓް ސާފުވާނެ ކަމަށެވެ. އެހެންނަމަވެސް އެ ޖަލްސާގައިވެސް ރައީސްގެ އެންމެ އަރިހުގައި އިންނެވީ އަމިއްލަ ކެންޑިޑޭޓެކެވެ.

ސަރުކާރާއި ގުޅުން ހުރި ބާރުގަދަ ކެންޑިޑޭޓެއް ހުރި ނަމަހީ މިހާރެއް ނޫން ކަރަންޓް މައްސަލަ ހައްލުވީސްކަން ޔަގީނެވެ. ސަރުކާރުންވެސް އެ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓްތަކަށް ގޮނޑި ލިބޭތޯ މަސައްކަތްކުރީހެވެ. ގުޅުން ނެތީ އެވެ.

ހޫނުގަދަ މި ދުވަސްވަރު ކަރަންޓްގެ މައްސަލަތައް ހައްލުކުރަމުންދަނީ އެރަށަކަށް ނިސްބަތްވާ "ސަރުކާރު" ކެންޑިޑޭޓުންނެވެ. ކުޅުދުއްފުއްޓަށް މިކަން ނުވީ ސަރުކާރު ހިތާވާ ނޫންނަމަ ރައީސް ޑރ މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވާހެން އެއް ޕޯޑިއަމުން އަނެއް ޕޯޑިއަމަށް ދުވާ ކެންޑިޑޭޓުންނަށް އިތުބާރު ނެތީމަކަމަށް ވެދާނެ އެވެ. ސަރުކާރުގެ ތެރޭގައި ބާރެއް ނެތް ބަޔަކު މަޖިލީހަށް ފޮނުވައިގެން އަނެއްކާ އަނެއް ދައުރު ބޭކާރުގައި ދުއްވާލާންވީ ބާއެވެ. ބާރެއް އޮންނަ ނަމަ މި މުހިންމު ދަނޑިވަޅުގައި ބާރު ދެއްކުނީހެވެ. އަނެއްކާވެސް 19 ވަނަ މަޖިލީހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއިން ކުރި ހިތި ތަޖުރިބާ 20 ވަނަ މަޖިލީހުގައި ކުޅުދުއްފުށީ ދެ ދާއިރާއިން ކުރަންވީތޯ އެވެ. ގޮތެއް ނިންމާނީ ރައްޔިތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355