ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ފަރުހަތު މުހައްމަދު (ފަރޭ) ދެ ވަޒީރަކާއި އެމްޑަބުލިއުއެސްސީގެ އެމްޑީއާ ބައްދަލުކުރައްވައިފި އެވެ.
މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހްސާން އާއި ސްޕޯޓްސް އެންޑް ފިޓްނަސް ޑރ އަބްދުﷲ ރަފީއު އަދި އެމްޑަބުލިއެސްސީގެ އެމްޑީ އަބުދުލް މަތީން މުހައްމަދާއި ފަރުހަތު ބައްދަލުކުރައްވާ އެދާއިރާތަކުން ކުޅުދުއްފުށީގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރެއްވި އެވެ.
ފަރުހަތު ވިދާޅުވީ މިބައްދަލުވުންތަކަކީ ވަރަށް އުންމީދީ ބައްދަލުވުންތަކެއް ކަމަށާއި އެދާއިރާތަކުގައި ހުރި މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވި ކަމަށެވެ.
ހޯމް މިނިސްޓަރާއެކު ބޭއްވި ބައްދަލުންތަކުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި ނަޞްރުގެ ދުވަސް ކުލަގަދަކޮށް ކުޅުދުއްފުށީގައި ފާހަގަކުރުމާއި ޝަހީދު ހުސެއިން އާދަމްގެ މޮނިއުމެންޓެއް ހެދުމާއި ކުރައިމް ޕްރިވެންޝަން ޕްރޮގުރާމެއް ހިންގުން ހިމެނެ އެވެ.
އަދި ކުޅުދުއްފުށީގެ ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމާއި ވަސީލަތްތައް ގާއިމްކުރުމުގެ އިތުރުން އިމާރާތް އަޕްގްރޭޑްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރިހެބް ފަރުވާ ދިނުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސްޕޯޓްސް މިނިސްޓަރު ޑރ ރާފިއުއާއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި ސިންތަޓިކް ޓްރެކާއި ސްޓޭޑިއަމް އަޕްގުރޭޑިން އަދި ސްޓޭޑިއަމްގެ އޮފީސް ސެޓަޕެއް ހެދުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ފުޓްބޯޅަ ދަނޑުތަކުގައި ފަށާފައިވާ މަސައްކަތަށް އަވަހަށް ނިންމުމަށާއި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމަށް މަޝްވަރާކުރެވުނެވެ.
އެމްޑަބުލިއުއެސްސީއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެ ކުންފުނިން ކުޅުދުއްފުށީގައި ދެމުންގެންދާ ފެނުގެ ހިދުމަތުގެ ބޭންޑްތައް މާލެއަށްވުރެ ބޮޑުވުމުން އެކަން ހައްލުކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން އެ ކުންފުނިން ކުޅުދުއްފުށީގައި ދެމުންދާ ހިދުމަތްތައް ހަރުދަނާކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރި އެވެ.