twitterviber whatsapp telegramfacebookyoutube instagram
19th August 2025

ޖަޕާނުގެ އެހީގައި ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި

އަބްދުލް ވާހިދު ޙަސަން
Aug 19, 2025

ޖަޕާނުގެ ދީލަތި އެހީތެރިކަމާއެކު ކުޅުދުއްފުށީ، ބޮޑު މުހައްމަދު ކަލޭފާނު ބަނދަރާއި ފުލުހުންގެ އިދާރާގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެކަމުގެ ނިންމުން ފާހަގަކޮށްފި އެވެ.

މިއީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޝިގާމީ ވިދާޅުވީ، މި ހިދުމަތާއެކު މުޖުތަމައުގައި ދިމާވާ ތަފާތު ކުށްތަކާއި ހާއްސަކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ފުލުހުންނަށް އެހީއަކަށްވެވޭނެ ކަމުގަ އެވެ.

ސީސީޓީވީ ކެމެރާ އެޅުމުގެ މި މަޝްރޫއުގެ ކޭބަލް އެޅުމުގެ މަސައްކަތްކޮށްފައިވަނީ ސިޓީ ކައުންސިލުންނެވެ. އެކަމަށް ސިޓީ ކައުންސިލްގެ ބަޖެޓުން 77،550 ރުފިޔާ ހަރަދުކޮށްފައިވާކަމުގައި މޭޔަރު އާތިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގުޅިގެން ކުރިއަށްގެންދެވޭ މިފަދަ މަޝްރޫއުތަކަށް ސިޓީ ކައުންސިލުން އެހީތެރިވެދެވެނީ ލާމަރުކަޒީ ގާނޫނުން ލިބިދިން މާލީ ބާރުވެރިކަމާއެކު ކަމަށެވެ.

އެހެންނަމަވެސް ދާދި ފަހުން ކައުންސިލްތަކުގެ ބާރު ގާނޫނަކު މައި ސަރުކާރަށް ނެގިކަން އާތިފް ފާހަގަކުރެއްވި އެވެ. ސީސީޓީވީ ކެމެރާގެ ޕްރޮޖެކްޓް ކުޅުދުއްފުއްޓަށް ގެނައުމުގައި ސިޓީ ކޮމާންޑަރ ރަހުމާ ސައީދު ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެކަމަނާއަށް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ޖަޕާނުގެ ސަރުކާރަށާއި ޔޫއެންއޯޑީސީއަށް މޭޔަރު އާތިފް ހަނދާނީ ފިލައެއް އެރުވި އެވެ.

މި ރަސްމިއްޔާތުގައި އަޕާރ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރ ޗީފް ސުޕްރިންޓެންޓް އިބުރާހިމް ޒުހުރީ އާއި ޔޫއެންއޯޑީސީގެ ރެޕްރެސެންޓޭޓިވް ބުއްދިކާ ދާނަންޖި އާއި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެވަޑައިގެންނެވި އެވެ.

ތަފާތު އެކި ބޭނުމަށް ވެރިރަށް މާލެ އިން އުތުރުގައި އެންމެ ގިނަ ބަޔަކު ދަތުރުކުރާ ރަށަކީ ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355