ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ، ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމަށް ހެލްތް މިނިސްޓްރީ 18 މަސްދުވަހުގެ ޓައިމްލައިނެއް އެކުލަވާލައި ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ފަށާފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ 'އަހާށޭ ބުނާނަން' ޕްރޮގުރާމުގައި، ކުޅުދުއްފުއްޓަށް ފުލްފުލެޖް އާ ޓާޝިއަރީ ހޮސްޕިޓަލެއް ބޭނުންވާކަމަށް ގަބޫލުކުރަންވަންތޯ އެހުމުން މެންބަރު ފަރުހަތު ވިދާޅުވީ، ޓާޝިއަރީ ހޮސްޕިޓާ ތަރައްގީކުރާ ވާހަކައަކީ ހުރިހާ ސަރުކާރަކުންވެސް ދެއްކި ވާހަކައެއް ކަމަށެވެ.
ނަމަވެސް މިސަރުކާރުން އެ މަސައްކަތް ފަށާފައިވާއިރު ފެނިގެންދަނީ ވަރަށް ބާރަށް، ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން ޓާޝިއަރީ ހޮސްޕިޓާ ކުރިއަށްގެންދިޔުމަށްޓަކާ މިހާރު މިނިސްޓްރީން ވަނީ 18 މަސްދުވަހުގެ ޓައިމްލައިނެއް އެކުލަވަލައި އެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ފަށާފަ." މެންބަރު ފަރުހަތު ވިދާޅުވި އެވެ.
ޓާޝިއަރީ ހޮސްޕިޓަލްގެ އާ އިމާރާތަށް ބޭނުންވާ ބިން ހޯދަން ސިޓީ ކައުންސިލާއި ހޮސްޕިޓަލާ ވާހަކަދެއްކި ކަމަށާއި އެކަމަށްޓަކާ ކައުންސިލުން ކުރަން ޖެހޭ ކަންކަން ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފަރޭ ވިދާޅުވި އެވެ.
ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީކުރަން ކުރީގެ ސަރުކާރަށް 'ބަރާބަރު ފިހާރަ' އާ ދިމާވެލިގަނޑު ބިމެއް ހަމަޖެއްސި ނަމަވެސް ސަރުކާރު ނިމުނުއިރުވެސް އެ މަސައްކަތް ނުފެށެ އެވެ. އެކަމަކު ހޮސްޕިޓަލްގައި ތިން ބުރީގެ އިމާރާތަކާއި އާ އޯޕީޑީއެއް ހެދި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ، ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބު ކެމްޕެއިނަށް ކުޅުދުއްފުއްޓަށް އެމަނިކުފާނު ވިދާޅުވީ، ކުޅުދުއްފުއްޓަށް އަންނަ ތަރައްގީއަކީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުންނަށް އަންނަ ކުރިއެރުމެއް ނޫން ކަމަށާއި މި ރަށަކީ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ރަށަކަށްވުމުން މި ރަށަށް އަންނަ ތަރައްގީއަކީ މުޅި މި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ތަރައްގީއެއް ކަމަށެވެ.
ރައީސް އޭރު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަކީ ފުއްޕާމޭ، ކިޑްނީ، ސިކުނޑީގެ ބަލިތަކާއި އަދި ހިތުގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން މާލެއަށް ބަރޯސާވާން ނުޖެހޭ ފެންވަރަށް ތަރައްގީކުރަން ޖެހޭނެ ހޮސްޕިޓަލެއްކަމުގަ އެވެ.