ބޮޑެތި ބަލިތަކުގައި މާލެއަށް ބަރޯސާވާން ނުޖެހޭ ފެންވަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިންނަށް ކުޅުދުއްފުއްޓަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ކުޅުދުއްފުއްޓަށް އަންނަ ތަރައްގީއަކީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުންނަށް އަންނަ ކުރިއެރުމެއް ނޫން ކަމަށާއި މި ރަށަކީ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ރަށަކަށްވުމުން މި ރަށަށް އަންނަ ތަރައްގީއަކީ މުޅި މި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ތަރައްގީއެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަކީ ފުއްޕާމޭ، ކިޑްނީ، ސިކުނޑީގެ ބަލިތަކާއި އަދި ހިތުގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން މާލެއަށް ބަރޯސާވާން ނުޖެހޭ ފެންވަރަށް ތަރައްގީކުރަން ޖެހޭނެ ހޮސްޕިޓަލެއްކަމުގަ އެވެ.
"އެގޮތުން ހޮސްޕިޓަލަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު މަޝްރޫއެއް ރަނގަޅު ފެންވަރެއްގައި ކުރިއަށްދާން އާދެ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ ކުޅުދުއްފުށީގައި ހުންނަން ޖެހޭ ހޮސްޕިޓަލަކީ އެ ހޮސްޕިޓަލަކުން ހުރިހާ ބަލިތަކެއްގެ ފުއްޕާމޭ، ކިޑުނީ، ސިކުނޑީގެ ބަލިތައް ހިތުގެ ބަލިތައް، މިހެން ކިޔާނެ ކަމެއްނެތް ހުރިހާ ބަލިތަކަށް ފަރުވާލިބެން މާލެއަށްދާން ބަރޯސާ. މާލެއަށް ބަރޯސާނުވެ، މި ސިޓީގައި އެ ހުރިހާ ބަލިތަކަށް ހިދުމަތްދެވޭ ފަރުވާ ދެވޭ ފަދަ ފެންވަރުގެ ހޮސްޕިޓަލެއް ހުންނަން ޖެހޭނެ ކަމަށް، އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ އެ ފުރުސަތު ދެއްވައިފިނަމަ މި ސިޓީގައި ގާއިމްކުރެވޭ ހޮސްޕިޓަލަކީ މި ދެންނެވި ގޮތަށް ހުރިހާ ބޮޑެތި ބަލިތަކަށް މިތަނުން އެކޮށް ލިބޭ ފެންވަރުގެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅުގަނޑުމެން ގާއިމް ކޮށްދޭނަން." ޑރ މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކެތް ލެބް ހިމެނޭގޮތަށް އެކިފެންވަރުގެ ޔޫރަޕާއި އެކިގައުމުތަކުގެ ކުލިނިކްތަކާއެކު ހުންނަ ރަނގަޅުފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ޕީޕީއެމް/ފީއެންސީ ސަރުކާރެއްގެ އުންމީދު ކަމުގަ އެވެ.
ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރެއިން ވީހާވެސް ގިނަ މުވައްޒަފުންނަކީ މި ސިޓީއަށް ނިސްބަތްވާ ނުވަތަ ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ދިވެހި ރައްޔިތުންނަށްވުމަކީ އަޅުގަނޑު ހިތުން ވަޒީފާ އިތުރުކުރުމުގައި އަޅުގަނޑުމެންގެ ސިޔާސަތު ތެރެއިން މި ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން ޕީޕީއެމް/ޕީއެންސީ "ވަޒީފާ އެންމެންނަށް" ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.