twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަޔެއްގެ ވޭނީ އާދޭސް – ދަރިފުޅަށް އެހީއެއްވެދީ !

Aug 23, 2017

ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެނަކީ ކޮންމެ ޒުވާނަކުވެސް ދެކެން އެންމެ ބޭނުންވާން ދުވަހެވެެ. ކުޅުދުއްފުށީ، ބޮއިގެ ، އަބުދުލްލަތީފް މުހައްމަދު (24އ) ވެސް ބާޖަވެރި ދިރިއުޅުމެއް އުޅުމުގެ ފޮނި އުންމީދުގައި ކައިވެނިކުރި އެވެ. ނަމަވެސް ކަން ދިމާކުރީ ވަރަށް ހިތާމަވެރިގޮތަކަށެވެ. ކައިވެންޏަށް އަހަރު ނުވަނީސް އަބުދުލްލަތީފް ހަޔާތް “ކަޅު ހިޔަޏަކުން” ބައްދާލި އެވެ. އެކަމުގެ ތެރޭގައި ކައިވެނީގެ ގޮށް މޮހި، ދިރިއުޅުން ހުއްޓުނެވެ.

” ނޭނގެ ވާން ފެށި ގޮތެއް، މުޅި މީހާގެ ހަށިގަނޑަށް ބާރުގަނޑެއް އަރައި، އަތްފައި ބުޅިވަނީ ” މީގެ ތިން އަހަރުން ކުރިން ދަރިފުޅަށް ވީގޮތް ކޭއޯއަށް ކިޔާދެމުން އޭނާ މަންމަ ހަދީޖާ އަބުދުﷲ ބުންޏެވެ.

ހިތާމައިން ފުރިގެންވާ އަޑަކުން އަބުދުލްލަތީފްގެ މަންމަ ހަދީޖާ އޭނާގެ ދަރިފުޅަށް ދިމާވެފައިވާ ހިތްދަތި ހާދިސާ ކޭއޯއާ ހިއްސާ ކުރަމުން ބުނީ އެއީ މީގެ ތިން އަހަރުން ކުރިން ހިނގި ކަމަށްވިޔަސް އަދިވެސް ލަތީފްގެ ހާލަތު ރަނގަޅު ނުވާ ކަމަށެވެ. ލަތީފް އެކަމެއްގައި އުޅޭތާ މިހާރު ތިން އަހަރުވެގެންދިޔައިރު އެއީ “ސިހުރުވެރިކަމެއް” ގަބޫލުކުރެވެ އެވެ.

އަބުދުލް ލަތީފް ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ. އޭނާ ހިފަހައްޓަން އަބަދުވެސް ބަޔަކު ތިބެން ޖެހޭ–

ރުޤްޔާކުރާ މީހަކު ލައްވައި ކިޔެވިފަހުން އެކަނި އުޅެލެވޭ ވަރުވި ކަމަށެވެ. އެކަމަކު އެއްކޮށް ރަނގަޅު ނުވާކަމަށް އެމީހާވެސް ބުނިކަމަށް ހަދިޖާ ކިޔައިދިނެވެ.

” އޭރު ރުޤްޔާކުރި މީހަވެސް ބުނި އެއްކޮށް ނުފިލައޭ. އެކަމަކު މިހާރު އުޅިލެވޭ ވަރުވާނެ އޭ. އެގޮތަށް ހުރެފައި އިހަކަށް ދުވަހަކު އަޅުގަނޑު (ހަދީޖާ) ބަލިވެގެން ރުޤްޔާކުރާ ބަޔަކު އައިސް ކިޔެވީމަ މީނަ (އަބުދުލް ލަތީފް) ފަހުން ސަކަރާތްވީ ” ހަދީޖާ ކިޔައިދިނެވެ.

ހަދީޖާ ބުނީ ފަހުން އޭނާގެ ހާލު ގޯސްވެ ގޭގައި ހިއްފެހެއްޓޭވަރުވެސް ނުވާ ކަމަށާއި އަދި ކާއެއްޗެއްވެސް ނުދެވޭ ކަމަށެވެ. އެހެންވެ ހާލު ދެރަވާތީ ހޮސްޕިޓަލަށް މީގެ ތިންދުވަސް ކުރިން ގެނެސް އައިވީ ގުޅީކަމަށެވެ. ” ކާ އެއްޗެއް  އަދި ބޯ އެއްޗެއް ” ޖައްސާލިޔަސް އާދަޔާ ހިލާފު ބާރުގަނޑެއް އައިސް މުޅި މީހާ ބުޅި ކޮށްލާކަމަށް ހަދީޖާ ބުންޏެވެ.

” ހިފަހައްޓައިގެން ގެންގުޅެވޭ ވަރެއް ނޫން. ބާރުގަނޑު އެރީމަ 4 ފިރިހެނުންނަށްވެސް އޭނާ ނުހިފެހެއްޓޭ. ހޭވެރިކަމެއް ވިއްޔާ އޭނާ ބުނަނީ ކިޔަވާނެ މީހަކު ހޯދާށޭ ” ކަމަށެވެ.

ރުޤްޔާކުރާނެ މީހަކުވެސް ގެނެވޭނީ ބޮޑު އަގުދީގެން ކަމުން އަތްމަތި ދަތިވުމުން އެކަމެއްވެސް ކުރޭވެނެ ގޮތްވަނީ ބަންދުވެފައި އެވެ. އެކަމަކު މަޔަކުވެސް ބޭނުންވާނެ ފަދައިން ހަދީޖާވެސް އެދެނީ އޭނާގެ ދަރިފުޅަށް ކޮންމެ ފަރުވާއެއް ލިބި ބައްޔަށް ލުއިކަމެއް ލިބިގެން ދިއުމެވެ.

ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަށް ދެއްކުމުން އަބުދުލްލަތީފް ކިޑްނީ އާއި ޗިސްމޭ މަސައްކަތް ނުކުރާކަމަށެވެ. ހަދީޖާ ބުނީ އިތުރު ފަރުވާއަށް މާލެ ނުގެންދެވިފައިވަނީ އާއިލާގެ އެވަރުގެ ތަނަވަސް ކަމެއް މިވަގުތު ނެތީމަ ކަމަށާއި އާސަންދަ ހަމަޖެހުނަސް މާލެ ގޮސް ހުރެވޭނެ ގޮތެއް އަދި އެހެނިހެން ހަރަދުތައް ކުރާނެ ފައިސާ ނެތް ކަމަށެވެ. މިކަމުގައި އާއިލާ ހާލުގަޖެހި ހެޔޮހެދޭ ފަރާތްތަކުގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައިވާ ކަމަށް އޭނާ ބުންޏެވެ.

” އަހަރެމެން ހާލަތު ހުރި ގޮތުން މާލެ ދެވޭނެ އެއްވެސް ގޮތެއް ނެތިގެން އެހީއެއް ދެވޭނެ މީހަކު ބޭނުންވަނީ ” ވޭނީ އަޑަކުން ހަދީޖާ ބުންޏެވެ.

އަބުދުލް ލަތީފް މިވަގުތު އޮތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ނަމަވެސް އައިވީގެ އިތުރުން އެއްވެސް އެއްޗެއް އޭނާއަކަށް ނުދެވެ އެވެ. ބައެއް ފަހަރު އައިވީވެސް ނައްޓާލަ އެވެ.

އަބުދުލް ލަތީފް ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ. އޭނާ ހިފަހައްޓަން އަބަދުވެސް ބަޔަކު ތިބެން ޖެހޭ–

އަބުދުލް ލަތީފް މުހައްމަދަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ މަންމަ ހަދީޖާ އަބުދުލްﷲ 9920689  ގުޅުވައިގެން މައުލޫމާތު ހޯދެވުން އެދެމެވެ. އަދި އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތަކުން ހަދީޖާ އަބުދުލްﷲ ބީއެމްއެލް އެކައުންޓް 7730000159037  އަށް ފައިސާ ޖަމާކޮށްދިނުމަށް ލަތީފްގެ މަންމަ އެދެ އެވެ.

މާތްﷲ ލަތީފްއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން

ނޯޓް: މިޙަބަރު ޖެހުމަށް ފަހު ވަނީ ބަދަލުގެނެސްފައި އެވެ. 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355