twitterviber whatsapp telegramfacebookyoutube instagram
19th July 2025

199 ދަރިވަރުންނާއެކު ކުޅުދުއްފުށީ ޤުރުއާން މުބާރާތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 19, 2025

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތް 199 ދަރިވަރުންނާއެކު ފަށައިފި އެވެ.

ނޯތު އޮފީސް ކޮމްޕްލެކްސްގެ ފުނަވަލު މާލާމުގައި ކުރިއަށްދާ މި މުބާރާތް ފައްޓަވައިދެއްވީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ ވިދާޅުވީ، ޤުރުއާންގެ އިލުމު ކުޅުދުއްފުށީގައި ފުޅާކޮށް ކުރިއަށްގެންދިޔުމަކީ ކައުންސިލުން އިސްކަންދީގެން ކުރަމުންދާ ކަމެއް ކަމަށާއި އެގޮތުން ދަރިވަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން މިދިޔަ އަހަރު މާލޭއިން ގާރީން ގެނެސްގެން ދަރިވަރުންނަށް ޤުރުއާން ކޯޗިންގ ޕްރޮގުރާމު ކުރިއަށްގެންދިޔަ ކަމަށެވެ.

މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެ ޕްރޮގުރާމުގައި ތިން ސްކޫލަށް ގާރީން ހަމަޖައްސައިދިނެވެ.

އަހަރުން އަހަރަށް ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ކުރިއެރުމެއްގެ ގޮތުގައި ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި އެވެ. އަދި މުބާރާތުގެ ފެންވަރު އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުކުރަން މަސައްކަތްކުރާކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

މި މުބާރާތުގައި ތިން ސްކޫލުންނާއި 7 ޤުރުއާން ކުލާހުގެ އިތުރުން ވިލާ ކޮލެޖުންވެސް ބައިވެރިވި އެވެ. ސްކޫލުތަކުން 90 ދަރިވަރުން ބައިވެރިވިއިރު ޤުރުއާން ކުލާސްތަކުން 108 ދަރިވަރަކު ވާދަކުރެ އެވެ. އަދި ވިލާކޮލެޖުން އެއް ދަރިވަރަކު ވާދަކުރެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލްގެ އިތުރުން މުބާރާތުގައި ވާދަކުރާ ޤުރުއާން ކުލާސްތަކަކީ، ހިލާލުލް ޤުރުއާން ކުލާސް، ބާޝާއިރުލް ޤުރުއާން ކުލާސް،ކައުނުލް ޤުރުއާން ކުލާސް، އަލްމަސާރު އެކަޑެމިކް ސެންޓަރު، އިޙްލާސް ޤުރުއާން ކުލާސް، އިންފިނިޓީ ޤުރުއާން ކުލާސް އަދި ޝިޔާއުލް ޤުރުއާން ކުލާހެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 22 ވަނަ ދުވަހު ހަވީރު 16:15 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. މި މުބާރާތުގެ ކިޔެވުން ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލުން އަންނަނީ ލައިވްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355