ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމަޢުތަކަށް އިންވެސްޓްކޮށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން ވެފައިވާ ވައުދު ފުއްދަމުންދާކަމުގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުހާތަބުކުރައްވަމުން އެންޑްރޫ ވިދާޅުވި ގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު 150 މިލިއަން ރުފިޔާ ބޭންކުން އިންވެސްޓްކޮށްފައިވާ ކަމަށާއި އާ ބްރާންޗްތަކާއި އޭޓީއެމްތައް އަލަށް ތައާރަފްކުރި މޮބައިލް އެޕްލިކޭޝަން އެންމެ ޒަމާނީ އިންޓަރނެޓް ބޭންކިންގެ އިތުރުން މުޖުތަމައުގެ މުހިންމު ކަންތައްތަކަށް ވެވުނު ފައިސާގެ އެހީތެރިކަމާއި އެކި ފަރާތްތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތަކުގެ ފައިދާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދިވެހިންނަށް މިހާރު ލިބެމުންދާކަމެށެވެ.
އިންވެސްޓްމަންޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 22 ރަށެއްގައި މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް މި އިންވެސްޓްމަންޓްގެ ތެރެއިން 150 ވަޒީފާ އަލަށް އުފެދިގެންދާނެކަމަށްވެސް އެންޑްރޫ ވިދާޅުވި އެވެ.
2016 ވަނަ އަހަރަކީ ” ބޭންކަށް ފަޚުރުވެރި އަހަރެއް” ގެ ގޮތުގައި ސިފަކުރައްވަމުން އެންޑްރޫ ވިދާޅުވީ ބޭންކަށް ލިބޭ އާމްދަނީ ބޭންކުން ހިދުމަތް ފޯރުކޮށްދޭ މުޖުތަމައުތަކަށް މިދަނީ އަނބުރާދެވެމުން ކަމަށާއި ކުރިއަށްވުރެ ގިނަ ބަޔަކަށް މިވަނީ އެންމެ ފެންވަރު ރަނގަޅު ބޭންކިންގ ހިދުމަތްތައް ބޭންކުގެ ބްރާންޗްތަކުންނާއި އޭޓީއެމްތަކާއި އެޖެންޓުން ނުވަތަ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައި ކަމަށެވެ. އަދި މި އަހަރު މިހާތަނަށް 3 ބްރާންޗް އަދި 12 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވާކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ބޭންކުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ފުރުސަތު ފަހިކުރުމަށް އިންޓަރނެޓް އަދި މޮބައިލްގެ ހިދުމަތްތައް ވެސް ވަނީ ތަރައްގީކޮށްފައި ކަމަށާއި ‘އަހަރެންގެ ބޭންކް’ ގެ ހަރަކާތްތަކުގެ ތެރެއިން މުޖުތަމައަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމާއަތަކާއެކު މަޝްރޫއުތައް ހިންގައި އަދި ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެންޑްރޫ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 29 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 88 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި ޒަމާނީ ޑިޖިޓަލް ބޭންކިންގ ސުއިޓްއަކާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.