ކުޅުދުއްފުށީ މީހުންނަކީ އީދުގައި ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރުތަކެއް ކުޅޭ ބައެކެވެ. ތަފާތު ފޯރިގަދަ، އެހެން ރަށްރަށުން ނުފެންނާނެ ފަދަ ކުޅިވަރުތަކެއް ކުޅުދުއްފުށިން ފެނެ އެވެ. މިފަހަރުވެސް މިވަނީ އެހެން އަހަރުތަކުގައި ނުފެންނަށް މުޅިން އާ ކުޅިވަރެއް ތައާރަފުކޮށްފަ އެވެ. “ނާށި ޖެހުން” އެވެ.
މިއީ މިއަހަރު އަލަށް ފެނުނު ތަފާތު ކުޅިވަރެކެވެ. މިކުޅިވަރު ކުޅެން ތިބީ ވިއްސަކަށް ފިރިހެނުންނެވެ. މޫނުގައި ބޯކޮށް ފުއް ޖަހައިގެން މުންޑާއި ހުދު ޖަމީސްލައި ނަލަ ހެދިގެންނެވެ. ގާއޮޑީ ލަވަ ކިޔަމުން ވަށް ބުރަކަށް ތިބެ ހިނގަނީ އެވެ.
އެގޮތަށް ހިންގަމުންދާއިރު ކޮންމެ މީހެއްގެ ދެއަތުގައި ދެ ނާށި އޮވެ އެވެ. ވަކި ރާގަކަށް ނާށި ޖަހަމުން ލަވަ ކިޔަމުންދާއިރު ނަގާ ކިޔަން އެކަކު ހުރެ އެވެ. ފޯރިގަދަވާ ވަގުތު ބުރުގެ ތެރެއަށް މީހަކު ނަށަށް ވަދެ، އިތުރަށް ފޯރިގަދަކޮށްލަ އެވެ.
މިކުޅިވަރު އަލަށް އިއްޔެ ފެނިގެންދިޔައިރު ދުވަސްވީ މީހުންނަށް މިކުޅިވަރު ވަރަށް ކަމުދިޔަ އެވެ. މިކުޅިވަރުގައި އެންމެ އަޅައިގަތީ ކިޔާ ލަވައަށެވެ. ލާނެއް މަޖާ ގޮތަކަށް ހަދައި ހުރި މިލަވަތަކަށް ކިޔަނީ ގާއޮޑި ލަވަ އެވެ.
ކޮންމެއަކަސް މިއީވެސް މިއަހަރު މުޅިން އަލަށް ތައާރަފުކުރެވިގެންދިޔަ ގިނަ ބަޔަކަށް ކަމުދިޔަ ކުޅިވަރެކެވެ.