މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހިންގާ ލާއިންސާނީ އަމަލުތަކާ ހުރެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކާ ހދ މަކުނުދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
އިއްޔެ ހަވީރު ފެށި މިހަރަކާތްތަކުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށިތައް ބަހައްޓައިގެން ވަނީ އެހީ ހޯދާފަ އެވެ.
ފަންޑު ހޯދުމުގެ މިހަރަކާތްތަކުގައި އެރަށުގައި އިސްނަގައިގެން އުޅެނީ ޕީޕީއެމް މާމަކުނުދޫ ގޮފިންނެވެ. ކޭއޯއަށް މައުލޫމާތު ދެމުން އާދަމް ޝަރީފް ވިދާޅުވީ ފަންޑް ހޯދުމުގެ މިހަރަކާތް އިއްޔެ ހަވީރު ވަރަށް ވިއްސާރާގައިވެސް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
ފަންޑް ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑް ހޯދުމުގެ ގޮތުން އެކި އިވެންޓްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މަސައްކަތް ދުވަސްތައް ފަދަ ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ.
ހަފްތާއަކަށް ކުރިއަށްގެންދާ މި ފަންޑް ރައިޒްކުރުން އިއްޔެ ފަށާފައިވާއިރު ރަށުގެ ގިނަ ރައްޔިތުންތަކެއްގެ އެއްބާރުލުން މިހަރަކާތްތަށް ލިބެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ހާލުގައި ޖެހިގައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގާ މިހަރަކާތުން ލިބޭ ފައިސާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރެޑްކުރެސެންޓް މެދުވެރިކޮށެވެ.