ށ ފޯކައިދޫގައި ހުމުގެ ރޯގާއެއް ފެތުރެމުންދާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކައުންސިލުގެ ރައީސް އަހުމަދު ރާޝިދު ވިދާޅުވީ ރޯގާ ޖެހުމުން ހުން އައިސް ގައިގައި ރިއްސާ ބޭރަށް ހިންގުން ފަދަ ކަންކަން ދިމާވާކަމަށާއި ރޯގާ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ޖެހޭކަމަށެވެ.
ރޯގާގައި ފުރަަތަމަ އަންނަނީ ހުންކަމަށާއި އެއަށްފަހު ގައިގައި ރިއްސާ ބޭރަށް ހިންގާކަމަށް ރާޝިދު ވިދާޅުވި އެވެ.
އެހެންކަމުން މީހުން ގިނަ ތަންތަނަށް އެއްވެ ނޫޅުމަށާއި ގެއިން ނިކުމެ ނޫޅުމަށް ރައްޔިތުންނަށް އިރުޝާދު ދޭ ކަމަށް ރާޝިދު ވިދާޅުވި އެވެ.
ފޯކައިދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެހުރި ގްރައިޝް ވިދާޅުވީ ވިއްސާރަ އާއި ގުޅިގެން އާންމު ރޯގާއެއް ރަށުތެރޭގައި ފެތުރެމުންދާ ކަމަށެވެ. ނަމަވެސް އެއީ ސީރިއަސް ރޯގާއެއް ނޫންކަމަށާއި މީގެ ކުރިންވެސް ވިއްސާރާ ގުޅިގެން ފެތުރޭ ހުމުގެ އާދައިގެ ރޯގާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އާއްމު އޯޕީޑީގައި 30-40 ދެމެދުގެ އަދަދަކަށް ކޮންމެ ދުވަހަކުވެސް ބަލިމީހުން ދައްކާކަމަށެވެ.
ރޯގާގެ ސަބަބުން މިއަދު ހަވީރު އެރަށުގައި ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްވެސް ވަނީ މާދަމާއަށް ފަސްކޮށްފަ އެވެ.