ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދިރިއުޅޭ ގެބީސީތަކަށް އިނާމް ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ޝާއިއުކުރި އިއުލާނެއްގައި ބުނާފައިވާ ގޮތުގައި މިއީ ދިވެހިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމަށް ބާރު އަޅައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދީ އަދި ދިރިއުޅޭ މާހައުލަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ދުމުން ރައްކާތެރި މާހައުލަކަށް ހެދުމުގެ މަގްސަދުގައި ދޭ އިނާމެއް ކަމަށެވެ.
މިއީ މި އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާ ހެލްތު މިނިސްޓްރީން އެކުލަވާލާ ކޮމެޓީއަކުން އަހަރަކު އެއް ފަހަރުދޭ އިނާމެއް ކަމަށެވެ.
އަދި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބީސީތަކަށް އިނާމު ދިނުމާބެހޭ އުސޫލުގެ ދަށުން ކަމަށެވެ. އޭގެ ތެރޭގައި ދިވެހިން އުޅޭ ގޭބިސީއަކަށް ވުމާއި ގޭބިސީގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރު ވުމާއިއެކު އެ ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކު އުޅޭ ތަނެއްކަން ސާވޭއިން ކަނޑައަޅަން ޖެހޭ ކަމަށް އުސޫލުގައިވެ އެވެ.
އިނާމަށް ކުރިމަތި ލުމަށް ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް އިނާމަށް ކުރިމަތިލެވޭނެ އެވެ.