twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސަމާލުވޭ – ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ކުޅުދުއްފުށީގައި ފެތުރެނީ

Sep 13, 2017

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ހަލުވިކަމާއެކު ކުޅުދުއްފުށީގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހދ އެޓޯލް ހެލްތް ސާވިސްއިން އެދެފި އެވެ.

ހދ އެޓޯލް ހެލްތް ސާވިސްގެ ކޮމިއުނިޓީ ހެލްތް އޮފިސަރު ފާތުމަތު ހަސަން މިއަދު ވިދާޅުވީ ބޭރަށް ހިންގުމާ ހޮޑުލުމުގެ ރޯގާ ފެތުރޭކަން ފާހަގަކުރެވިފައިވަނީ މިމަހު ކުރީކޮޅުގައި ކަމަށެވެ. މިހާރު ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ފާތުން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އޯގަސްޓްމަހުގެ ރޯގާ ޖެހިގެން ފަސް އަހަރުން ދަށުގެ 34 ކުއްޖަކު ޑޮކްޓަރަށް ދައްކާފައިވާއިރު ހަމަ އެމަހު ފަސް އަހަރުން މަތީގެ 44 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. ނަމަވެސް މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް މި ރޯގާ ޖެހިގެން ހޮސްޕިޓަލަށް ދައްކާފައިވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން މިމަހުގެ އިއްޔެއާ ހަމައަށް ރޯގާ ޖެހިގެން 231 ކޭހެއް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން ފަސް އަހަރުން ދަށުގެ 76 ކުޑަކުދިން ހިމެނެ އެވެ.

ފާތުން ވިދާޅުވީ މިސަރަހައްދުގެ އެހެން ރަށްރަށުގައިވެސް މި ރޯގާ ޖެހިގެން މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ރޯގާއެއްގައި ސިފައިގައި އަދި ފެތުރެމުންދަނީ ކުޅުދުއްފުށީގައި އެކަނިކަމަށެވެ.

އޭނާ ވިދާޅުވީ ރޯގާގެ އަސަރު ފެނިގެންނަމަ ވީހާވެސް އަވަހަކަށް ސިއްހީ މާހިރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުމަށާއި ވީހާވެސް ބޮޑަކަށް އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށެވެ.

ރޯގާގެ އަލާމާތެއް ފެނިއްޖެ ކުދިން ސްކޫލްތަކަށާއި މީހުން ޖަމާވެ އުޅޭ ތަންތަނަށް ނުގެންދިއުމަށް އޭނާ އިލްތިމާސްކުރި އެވެ. މިދުވަސްވަރު ސްކޫލަށް އިންޓަވަލް ގެންދާއިރު ތަންތަނުގެ ވިއްކާ ހެދިކާގެ ބާވަތްތަކުގެ ބަދަލުގައި ގޭގައި ތައްޔާރު ބާވަތްތަށް ބޭނުންކުރުމަށް އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355