މެދުނުކެނޑި މިއަދު ހއ ދިއްދޫއަށް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކަށް ފެންވަދެއްޖެ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފަސް ގެއަކަށް ފެންވަދެފައިވާއިރު މަގުތަކުގައިވެސް ވަނީ ފެންބޮޑުވެފަ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ކޭއޯއަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންވަދެފައިވާ ގެތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފެން ބޮޑުވެފައިވާ މަގުތަކުންވެސް ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާއިރު އެމަސައްކަތަށް ފުލުހުންނާއި ފެނަކައިގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަ ކުރި އެވެ.
ދިއްދޫގއި ފެންބޮޑުވެ ބައެއް މަގުތަކަށް ވެލި އަޅަނީ– ފޮޓޯ: ދިއްދޫ ކައުންސިލް
އޭނާ ވިދާޅުވީ ފެން ހިންދުމުގެ އިތުރުން މަގުތަކަށާއި ގެތަކަށް ވެލިއެޅުމުގެ މަސައްކަތްވެސް ކައުންސިލުން ކުރިއަށްގެންދާ ކަމަށެވެ.
ދިއްދޫގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުން ލިބެމުންދާއިރު ފެނުގެ އަސަރުކޮށްފައިވާ ގެތަށް ކައުންސިލަށް އެންގުމަށް އެދިފައިވެ އެވެ.
މިހާރު ރާއްޖޭއަށް ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު ހުކުރުދުވަހާ ހަމައަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.