މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުނާއި ދެކޮޅަށް ކުރިއަށް ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ށ ފީވަކުގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފީވަކު ހުކުުރު މިސްކިތުގައި ބެހެއްޓިފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށައެޅިފައިވާ ކަމަށާއި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ވިހި އަހަރުގެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފަންޑުފޮއްޓާއި ފައިސާވެސް ފެނިފައިވާ ކަމަށާއި ފޮށި ފެނިފައިވަނީ މިސްކިތް ކައިރި ގަސްތަކުތެރެއަށް އެއްލާލާފައި އޮއްވާކަމަށް މީޑިއާ އޮފިސަލް ވިދާޅުވި އެވެ.
މި މައްސަލައާއި ބެހޭގޮތުން ކައުންސިލް މެންބަރަކު ކޭއޯއަށް ވިދާޅުވީ ފަންޑު ފޮށި ވަގަށް ބަގާފައިވާ ކަމަށް ބެލެވެނީ އަންގާރަ ދުވަހުގެ ރޭ ބާރައިގެ ފަހުން ކަމަށާއި އެ ފޮށީގައި ގާތްގަނޑަކަށް ދިހަ ހާހާއި ގާތްކުރާ އަދަދަކަށް ފައިސާ ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުކުރު މިސްކިތުގެ އިތުރުން އެރަށު ފެނަކަ ބްރާންޗުގައިވެސް ވަނީ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑު ފޮއްޓެއް ބެހެއްޓިފަ އެވެ.