twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުމެއް ނުދޭ، ކުރަނީ ޖެއްސުން: މުއިއްޒު

Sep 18, 2017

ހއ ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދޭކަމަށާއި އެއްބާރުލުން ނުދޭތަނުގައި އެކައުންސިލުން ސަރުކާރަށް ކުރަނީ ޖެއްސުންކަމަށް ހައުންސިންގ މިނިސްޓްރ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ދިއްދޫގެ ރޯހައުސްތައް މިނިސްޓްރީން ދީފައިވަނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

ގެދޮރުވެރިކަމާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު މިއަދު ބޭއްވީ ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ހައުންސިންގ މިނިސްޓްރީއަށް ދިއްދޫ ކައުންސިލަކުން އެއްވެސް އެއްބާރުލުމެއް ނުދޭކަމަށެވެ.

“އެއްބާރުލުން ނުދޭތަނުގައި ސަރުކާރުން ކުރާ ކަންކަމާ ޖެއްސުންކުރުމާއި ރައްޔިތުންނަށް ނިކަމެތިވާ ގޮތަށް ކަންތައް ކުރަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ” މުއިއްޒު ވިދާޅުވި އެވެ.

ދިއްދޫ ކައުންސިލް މެންބަރުން–

މުއިއްޒު ވިދާޅުވީ ރޯހައުސް ލިސްޓަށް ޕޮއިންޓްދޭންވެސް ފުރަތަމަ ހަވާލުކުރީ ކައުންސިލާކަމަށާއި އެހެންނަމަވެސް ހައުންސިންގ މިނިސްޓްރީން ޗެކްކުރިއިރު ފާހަގަވީ އެކަންކޮށްފައިވަނީ އިންސާފުވެރިގޮތެއްގައި ނޫންކަން ކަމަށެވެ. އަދި ޕޮއިންޓް ދިނުމުގައި ތެދުވެރިގޮތެއްގައި ރައްޔިތުންގެ ހާލަތު ކައުންސިލުން ބަލާފައެއް ނެތްކަންކަމަށެވެ.

ދިއްދޫގެ ރޯހައުސްތަކުގެ މައްސަލަ އޭއީސީއަށް ހުށަހަޅައިފި

“ވަކި ފަރާތްތަކަކަށް ޕޮއިންޓްދީ. ވަކި ފަރާތްތަކެއް ހޮވަން މަސައްކަތްކޮށްފައިވާކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ” ހައުންސިންގ މިނިސްޓަރު ވިދާޅުވި އެވެ.

ދިއްދޫ ކައުންސިލުން އެއްބާރުލުން ދިނަސް ނުދިނަސް މިނިސްޓްރީން ފަރުވާލެއް ނެތް ކަމަށާއި މިނިސްޓްރީން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރިއަށްގެންދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ދިއްދޫ ކައުންސިލުންވަނީ ހައުންސިންގ މިނިސްޓަރު މުއިއްޒުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

ދިއްދޫ ކައުންސިލް ހިމެނިވަޑައިގަންނަވާ 5 މެމްބަރުން ފޭސްބުކް ލައިވް މެދުވެރިކޮށް މައުލޫމާތުދެމުން ވިދާޅުވެފައިވާގޮތުގައި ހައުސިންގ މިނިސްޓަރު ޑރ މުއިއްޒު ވަނީ ދިއްދޫ ކައުންސިލަށް ނިސްބަތްކޮށް އިތުރުފުޅު ހައްދާފައިވާ ކަމަށާއި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކައުންސިލް ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވީ އެއްބާރުލުން ނުދޭކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ކަމަށެވެ. މިނިސްޓްރީން ފޮނުއްވި ކޮންމެ ސިޓީއަކަށް ވާނީ ޖަވާބު ދެއްވާފައި ކަމަށާއި މިނިސްޓްރީ ފޮނުއްވި ޓީމަކާއި އެއްކޮށް ވާނީ ދުވާލަކަސް ރޭނގަޑަކަސް މަސައްކަތްކޮށްފައި ކަމަށް ކައުންސިލްގެ ރައީސް ބުނެފައި ވެއެވެ.

ރޯހައުސްތައް ބަހާލުމުގައި އިންސާފެއް ނެތް، ދީފައިވަނީ ޕީޕީއެމް ފަރާތްތަކަށް: ދިއްދޫ ކައުންސިލް

ކައުންސިލުން ދެކޭގޮތުގައި މިނިސްޓަރ އެ ވިދާޅުވާ އެއްބާރުލުމަކީ ގާނޫނާއި ގަވައިދުގެ ދަށުން ދެއްވަން ޖެހޭ އެއްބާރުލުން ކަމަށެވެ. އެގޮތުން މި ކައުންސިލުން ވަނީ މިނިސްޓްރީއަށް މިހާތަނަށް ވާނީ އެއްބާރުލުން ދީފާކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ދޭނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ގާނޫނާއި ހިލާފު ކަންކަމުގަ އާއި މިނިސްޓްރީން ސިއްރުގޮތެއްގައި ކުރާ ކަމެއްގައި މި ކައުންސިލަކުން މިނިސްޓްރީ އަކަށް އެއްބާރުލުމެއް ނުދޭނެ ކަމަށް އަލީ ހާޝިމްވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355