twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބޮނބި ފާކުރާނެ ތަނެއް ނުދެއްކުމުން އަންހެންވެރިން ރަތަށް!

Sep 24, 2017

ރޯނުވެށުމަށް ފާކުރަން ޖެހޭ ބޮނބި އަޅާނެ ސަރަހައްދެއް ކައުންސިލުން ނުދެއްކުމުން އަންހެންވެރިން ރުޅިގަދަވެ ކައުންސިލަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެެވެ.

އުމްރާނީ ތަރައްގީއާ ގުޅިގެން ބޮނބި އޮޅުތައް ނެނގުމަށް ދުވަހެއް ދުވަހަކަށް އަންނަނީ މަޖުބޫރުވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުތެރޭގައިވެސް މަގު ހެދުމަށާއި އުމްރާނީ ބައެއް މަސައްކަތްތަކަށް 200 އަށްވުރެ ގިނަ ބޮނބި އޮޅުތައްވަނީ ނައްތާލާފަ އެވެ. އަނެއްކާވެސް މިމައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޓެސްޓް ހެދުމަށް ޒަމާނީ ފެންވަރުގެ ތަނެއް ހެދުމަށާއި ޕީއެސްއެމްގެ އެންޓަނާއެއް ޖެހުމަށް ބިން ދޫކޮށްފައިވާއިރު އެތަނަކީ ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ހުރި ތަންތަނެވެ.

ބޮނބި އަޅާނެ ސަރަހައްދެއް ހޯދުމަށް ކައުންސިލުގައި އެމަސައްކަތުގައި އުޅޭ އަންހެންވެރިން ދަނީ އެދެމުންނެވެ. ބޮނބި އޮޅުހަދާނެ ސަރަހައްދެއް ހޯދުމަށް ކައުންސިލަރުންނާ ބައްދަލުކުރުމަށް މިއަދުވެސް އަންހެންވެރީންތަކެއް ވަނީ ކައުންސިލް އިދާރާއަށް ގޮސްފަ އެވެ. ނަމަވެސް އެމީހުންނާ ބައްދަލުކުރީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް އެކަންޏެވެ. ރައީސް ހުންނެވީ ސަލާމުގަ އެވެ.

ބައްދަލުވުމަށް ފަހު ކޭއޯއަށް މައުލޫމާތު ހިއްސާކުރަމުން ރޯނުވެށުމުގައި ހަރަކާތްތެރި ވަމުން އަންނަ ފަރާތެއް ކަމަށްވާ އައިމިނަތު މުހައްމަދު ބުނީ ބޮނބި އަޅާނެ ކޮންމެވެސް ގޮތެއް ހޯދައިދޭނެކަމަށް ކައުންސިލްގެ ރައީސް އަބުދުއް ލަތީފް ކުރިން ވިދާޅުވިނަމަވެސް މިއަދު ބައްދަލުކުރުމުން ނައިބް ރައީސް އަލީ ހާޝިމް ވިދާޅުވީ “އޮޅުކޮންނާނެ” ތަނެއް ނުލިބޭނެ ކަމަށެވެ.

“ފުރަތަމަ ދުވަހު ބުނި ކޮންމެވެސް ވަރެއްގެ ތަންކޮޅެއް (އޮޅުކޮންނަށް) ދޭނަމޭ. ފުރަތަމަ ދުވަހު ރައީސް އެހެން ބުނީ އެހެންވެ ޖަވާބެއްގެ އިންތިޒާރުގައި ތިބެ ޖަވާބެއް ނުލިބުމުން މިއަދު މިދިޔައީ ކައުންސިލަށް. ދިޔައީމަ އަލީ ހާޝިމް މިބުނީ އޮޅުކޮންނާނެތަނެއް ނުލިބޭނޭ. ދެން އަހަރެމެން ބުނީ ފުޓްބޯޅަ ކުޅޭ ބައެއް ނަމަ ކުޅޭ ތަންތަނާއި ކުޅޭނެ ބޯޅަވެސް ކައުންސިލަށް ދެވުނީހޭ ” އުދާސްތަކާއެކު އެމީހުން ކިޔައިދިނެވެ.

އުމްރާނީ ތަރައްޤީއާއެކު ކުޅުދުއްފުށީގެ ރޯނުވެށުމުގެ މަސައްކަތަށް ހިޔަނި އެޅެނީ

އެމީހުން ބުނީ ވޯޓް ހޯދަން ދެން އެމީހުން (ކައުންސިލަރުން) އަތުވެއްޖެނަމަ ވޯޓުވެސް ނުދޭނެ ކަމަށެވެ. މާފަލު ފެންގަނޑުވެސް ކޮނެދީގެންވާކަށް ނެތް ކަމަށާއި ހިކި ތަނަކަށް ބޮނބި އަޅައިގެން ފާކުރާނީ ކިހެނެތް ތޯ އެމީހުން ވަނީ ސުވާލު އުފައްދާފަ އެވެ. މާފަލު ފެންގަނޑުގެ ބޮނބި އަޅަން އޮންނަ ސަރަހައްދު މިހާރުވަނީ ވަރަށް ބޮޑަށް ހިކިފައެވެ.

ބޮނބި އެޅޭނެ ކޮންމެވެސް ގޮތެއް ކައުންސިލުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ.

އަލީ ހާޝިމާ ހަވާލާދީ އަންހެންވެރިން ބުނީ “ކަންތައް” ވާނީ ރައީސުލް ޖުމްހޫރިއްޔާ އަންގަވާގޮތަށް ކަމަށެވެ. ކައުންސިލަރުންނާ ބައްދަލުކުރުމަށް ދިއުމުން އެންމެ ކައުންސިލަރަކު ބައްދަލުކުރުމުން އަންހެންވެރިން ތިބީ ހިތްހަމަނުޖެހިފަ އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރަމުޒުކޮށްދޭ ރޯނުވެށުމުގެ މަސައްކަތް ހުއްޓިދާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެމަސައްކަތް ހުއްޓޭނެ ފަދަ ގޮތަކަށް ކައުންސިލުން މަސައްކަތް ނުކުރާނެކަމަށް ވިދާޅުވެފައިވެ އެވެ.

މިމައްސަލާގައި މީގެ ކުރިންވެސް އަންހެންވެރިންތަކެއް ކައުންސިލާ ބައްދަލުކޮށް ޝަކުވާކޮށްފައިވާއިރު މިއަދު ވަނީ 11 އަންހެނަކު ކައުންސިލް އިދާރާއަށް ގޮސް މިކަމުގައި އެމީހުންނަށް ދިމާވެފައިވާ ކަންބޮޑުވުންތަށް ހިއްސާކޮށްފަ އެވެ.

ކުޅުދުއްފުއްޓަކީ ރޯނުވެށުމަށް ރާއްޖޭގައި އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ އަންހެނުން ތިބި ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355