twitterviber whatsapp telegramfacebookyoutube instagram
25th May 2025

ދިއްދޫ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފި

Sep 28, 2017

ހއ.ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކޮށްފިއެވެ.

އެލްޖީއޭއިން ދިއްދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހއ ދިއްދޫގައި ހައުސިންގ މިނިސްޓްރީން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް އެމިނިސްޓްރީން އިއުލާންކޮށްފައިވަނިކޮށް ކައުންސިލްގެ ރައީސް އަލީ ހާޝިމް އެލިސްޓާ ހިލާފަށް ކައުންސިލުން އައު ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން އާއްމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމުގެ ލިޔެކިއުންތައް އެލްޖީއޭއަށް ލިބިފައިވާ ކަމަށެވެ.

އަދި ރައްޔިތުންނަށް ނަމޫނާ ދައްކުވައިދޭންޖެހޭ މަގާމެއްގައި ހުރެ އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތައް ވާހަކަ ދައްކަމުން ގެންދާތީ ދޮގު މައުލޫމާތު ހާމަކުރާކަމަށް އެކިފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެއޮއޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އޭގެ އިތުރުން ކައުންސިލަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓަމުން ގެންދާތީ އެއޮތޯރިޓީން ބަލައި ވަކިގޮތެއް ކަނޑައަޅަންދެން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތައް ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމަށް ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ކައުންސިލްގެ ރައީސާ ގުޅޭގޮތުން އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރެވިފައިވާކަން ކައުންސިލްގެ ރައީސަށް އަންގަވައިދެއްވާ އެފަރާތުގެ މުސާރައާއި އިނާޔަތްތައް ހިފެހެއްޓުމަށް ދަންނަވާ ކަމަށެވެ.

އަދި ކައުންސިލްގެ ރައީސްގެ ސަސްޕެންޝަންގެ މުއްދަތުގައި ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނާނީ ކައުންސިލްގެ ނައިބު ރައީސް ކަމަށެވެ.

އެގޮތުން ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރެވިފައިވާ މުއްދަތުގައި ކައުންސިލަށް ނުކުމެ އެއްވެސް މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ދަންނަވާ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

މިކަން ކަނޑައަޅާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި އެއޮތޯރިޓީގެ ބޯޑުގެ 5 ވަނަ ބައްދަލުވުމަށް ހުށަހެޅުމުން އެބޯޑުން ކަމަށްވެސް ސިޓީގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355