twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގުރޭޑް އަށަކަށް ކިޔަވައިދޭން ފަށާނަން، ފައުންޑޭޝަން ގުރޭޑްތައްވެސް އޮންނާނެ: އެޑިއުކޭޝަން

Oct 5, 2017

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަންނަ އަހަރު ގުރޭޑް އަށަކަށް ކިޔަވައިދޭން ފަށާނެކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތަށް އެސްކޫލާ ގުޅިގެން ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ހދ އޭއީސީއަކީ ރާއްޖެތެރޭގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލެވެ. ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް ހަތަކާ ހަމައަށް ކިޔަވައިދޭ މި ސްކޫލުގައި މިއަހަރު 1100 ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. އަންނަ އަހަރު ގުރޭޑް އަށަކަށް ކިޔަވައިދޭން ފަށަން ހަމަޖެހިފައިވާއިރު ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޕްލޭންނިންގ އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ގަބޫލުކުރައްވާކަމަށާއި އެކަން ހައްލުކުރުމަށް ޕްލޭން ކުރެވިގެން އިންފްރާސްޓްރަކްޗާތަކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު އެސްކޫލުގައި ގުރޭޑް 8 އަށް ކިޔަވައިދޭން ފަށާއިރު އެކަމަށް ބޭނުންވާ ޓީޗަރުން މިހާރު ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ. ޖަލާލުއްދީން ސްކޫލުގައި ގުރޭޑް 8 އަށް ކިޔަވައިދޭ ޓީޗަރުން ވަކި ސްކޫލަށްކަށް ބަދަލުވާކަށް މިނިސްޓްރީއަކުން އަންގާފައި ނުވާނެ ކަމަށާއި އެކަމަކު ބަދަލުވާ ބޭނުންވާ ޓީޗަރުންނަށް އެ އޮޕްޝަންސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު އަމަލުކުރަން ފަށާ އާ މުގައްރަރުގެ ދަށުން ގުރޭޑް 8 އާއި 7 ހިމަނާފައިވަނީ ދަށް ސާނަވީގެ ގޮތުގައި އެވެ. އެހެންކަމުން ގުރޭޑް 7 އަށް ކިޔަވައިދޭ ޓީޗަރުންނަށް ގުރޭޑް 8 ވެސް ކިޔަވައިދެވޭނެ އެވެ. އާ މަންހަޖުގެ ދަށުން ދަރިވަރުން ސްޓްރީމްކުރުން ހާއްސަވެގެންދާނީ ގުރޭޑް 9 ފެށިގެންކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ފަންއުންޑޭޝަން ގުރޭޑުވެސް އަންނަ އަހަރު ހދ އޭއިސީގައި އޮންނާނެ ކަމަށާއި އެސްކޫލަށް ވައްދާ ދަރިވަރަކު ނުވަތަ މިހާރުވެސް އެސްކުލޫގެ ރަޖިސްޓްރީގައި ހިމެނިފައިވާ ދަރިވަރަކު އެހެން ސްކޫލަކަށް ބަދަލުކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

” އޭއީސީގައި ރަޖިސްޓްރީވެފައި ހުރި އެއްވެސް ކުއްޖަކު އަފީފުއްދީން ސްކޫލުއަކަށް ނުގެންދާނެ އެތާނގައި (އަފީފުއްދީން ސްކޫލު) ގައި ހުސް ކުލާސްރޫމް ހުއްޓަސް. އޭއީސީއަށް ވައްދައިފި ކުއްޖަކު އޭއީސީގައި ނިއްމާނީ ކިޔެވުން. ދެން އަމިއްލައަށް ބަދަލުވުމަކީ ތަފާތު ކަމެއް. މިހާރު ވަދެތިބި ކުދިންނެއް ޖާގަ ނެތީއޭ ކިޔާފަ ނުގެންދާނަން އަފީފުއްދީންއަކަށް ” އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު އަށެއް އުފެދުނުކަމުގައި ވީނަމަވެސް ސްކޫލުގެ ކިޔެވުން ކުރިއަށްދާނީ ދެ ދަންފަޅިއަށް ކަމަށެވެ. ޖާގަ ހަމަޖައްސަން ސްކޫލާއެކު ވަރަށް ގާތުން މަސައްކަތްުކުރަމުންދާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

“އަޅުގަނޑުމެން ސްކޫލާއެކު ވަރަށް ގާތުން އެބަ މަސައްކަތް ކުރަން. ޖާގަތައް ހަމަ ޖައްސަން. ސްކޫލުން އެބަ ވިދާޅުވޭ ޖާގަ ހަމަޖެއްސޭނެ ގޮތްތަށް. އަޅުގަނޑުމެންނެއް ނޫން މިބުނަނީ ޖާގަ ހަމަޖެއްސޭނެ ގޮތް ސްކޫލުން އެބަ ވިދާޅުވޭ. މިވެނި ގޮތަކަށް ކުރީމަ މިކަން ހަމަޖެއްސޭނެ ކަމަށް” އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355