ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުޅުދުއްފުށީ ސްކައި އިން ހޯދައިފި އެވެ.
އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ސްކައި އިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާ އަކުންނެވެ.
އިއްޔެގެ މެޗުގެ ކުރީކޮޅު ސްކައިގެ އަހްމަދު ނަދީމް (ޒިންދި) އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މެޗުގެ ކުރީކޮޅު ހަނިމާދޫއިން ރަގަޅަށް ކުޅުނުއިރު ހަނިމާދޫއިން ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓްގައި ހަނިމާދޫގެ ތަޖުރިބާކާރު މިޑްފީލްޑާ ޖާދުﷲ ދުއްވާލި ތުރޫ ބޯޅައަކުން ތަނަވަސްވި ފުރުސަތަކުން ހަނިމާދޫގެ ހުނަރުވެރި ފޯވާޑް އަހްމަދު އާސިފް (އާސިއްޕެ) އެވެ.
މި ލަނޑާއެކު ސްކައި އިން ކުޅުން ރަގަޅުކޮށްފައިވާއިރު ސްކައިއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 35 ވަނަ މިނެޓްގައި ސްކައިގެ ޒުވާން ފޯވާޑް އިފްރާން އަބޫބަކުރު (އިއްޕަ) އަރިމަތިން ތިރިތިރިން ނަގައިދިން ހުރަހަކުން ޒިންދި އެއްފަހަރުން ޖަހައި ކާމިޔާބުކުރި ލަނޑުންނެވެ.
ދެވަނަ ހާފުވެސް ސްކައިއިން ރަގަޅަށް ފެށިއިރު ސްކައިއިން ލީޑު ނެގީ މެޗުގެ 54 ވަނަ މިނެޓްގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ރީހާމް އަބްދުލް ޣަނީ (ބޮބީ) ދުއްވާލި ތުރޫ ބޯޅައަކުން ތަނަވަސްވި ފުރުސަތަކުން ސްކައި ޖާޒީ ނަންބަރު 9 ނާޝިދު (ނާއްޓޭ) ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ތެރޭ ނާއްޓޭއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތެއްވެސް ލިބިފަ އެވެ.
ފަހު ހާފުގައި ހަނިމާދޫއަށް މާ ހުސް ފުރުސަތެއް ތަނަވަސް ކުރެވިފައިނުވާއިރު އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ހަނިމާދޫގެ ޖާޒީ ނަންބަރު 25 އަހްމަދު (ނުބައި) އަށެވެ. އާސިއްޕެ ހުރަސްކޮށްލި ބޯޅައެއް އަހްމަދު މުޅިން ހުސްކޮށްހުރެ ފޮނުވާލީ ބޭރަށެވެ.
މިއަދު މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކުލަބް ކޮރަލްސް އަދި ހިރިމަރަދޫ އެވެ. މެޗު ފެށޭނީ 1545 ގަ އެވެ.