ރައީސް ޔާމީން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމަނިކުފާނާ ދެކޮޅަށް “މިފަހަރު” އެމްޑީޕީއިން މުޒާހަރާ ނުކުރާނެކަމަށް ބުނެފި އެވެ.
ކުޅުދުއްފުށީގެ އެމްޑީޕީގެ އިސް ފަރާތެއްކަމަށްވާ އަލީ މުހައްމަދު ބުނީ މިފަހަރު ރައީސް ޔާމީންނާއި ދެކޮޅަށް ކުޅުދުއްފުށީގައި މުޒާހަރާނުކުރާނެ ކަމަށެވެ.
” މިރަށު އެމްޑީޕީއިންވެސް ބޭނުންވޭ ރައީސް ޔާމީން ލައްވާ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުވަން ” އޭނާ ބުންޏެވެ.
އޭނާ ބުނީ އެހެންވީމަ އެކަމަށް ފުރުސަތު ދިނުމަށާއި އެމަޝްރޫއުއަށް ރައްޔިތުންގެ ތާއިދު އޮތީކަމަ މުޒާހަރާ މިފަހަރު ނުކުރާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓް ނަމްބަރު ހިފައިގެން ކުޅުދުއްފުށީ އެއާޕޯޓަށް ނޫން އެހެން ގޮތަކަށް ރައީސް ޔާމީން ވަޑައިގެންފިނަމަ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރާނެ ކަމަށެވެ.
” އެއާޕޯޓް ނާޅައި ކެނޑިޑޭޓް ނަމްބަރު ހިފައިގެން މިރަށު އެއާޕޯޓް ނޫން އެހެން ތަނަކަށް ފައިބަންޏާ މުޒާހަރާކުރާނަން ”
އޭނާ ވިދާޅުވީ އެދުވަހަކު އެމްޑީޕީން ނޫނަސް ރަށުގެ ރައްޔިތުންވެސް ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލުމަށް ނިކުންނާނެ ކަމަށެވެ.
ކުޅުދުއްފުށީގައި ނަގާފައި ހުރި އެމްޑީޕީގެ ބޮޑު ދިދަވެސް ދާދިފަހުން ވަނީ ފުލުހުންގެ އެންގުމަށް 20 ފޫޓް އުސްނުވާނެ ވަރަށް ތިރިކޮށްފަ އެވެ. އެގޮތަށް ފުލުހުން އެންގީ ގައުމީ ދިދައަށްވުރެ އުސް ކަމަށް ބުނެ އެވެ.