twitterviber whatsapp telegramfacebookyoutube instagram
11th July 2025

ތަރައްގީގެ 15 މަޝްރޫއެއް މިވަގުތުވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުން: ރިލޭ

އަބްދުލް ވާހިދު ޙަސަން
May 25, 2025
6

ކުޅުދުއްފުށީގެ ތަރައްގީއަށް މިވަގުތުވެސް ސިޓީ ކައުންސިލް 15 ވަރަކަށް މަޝްރޫއުގެ އަމަލީ މަސައްކަތް ހިންގަމުންދާކަމުގައި ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބޭސިކް ފޮޓޯގްރަފީގެ ވޯކްޝޮޕް ނިންމާލުމުގެ ގޮތުން މިއަދު މެންދުރު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ރިލޭ ވިދާޅުވީ، ރަށުގެ އުމްރާނީ ތަރައްގީއަށް މިދައުރު ކައުންސިލުން ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި މިވަގުތުވެސް ސިޓީ ކައުންސިލުން ގާތްގަނޑަށް15 ވަރަކަށް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

ރިލޭ ވިދާޅުވީ، އުމްރާނީ މަސައްކަތްތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި ކުރިއަށްވެސް ގިނަ ކަންތައްތަކެއް ރޭވިފައިވާކަމުގައި އެވެ. މީހުން ބިނާކުރުމަށް ސިޓީ ކައުންސިލުން މިފަހުން ހިންގުނު ބައެއް ޕްރޮގުރާމްތައްވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ވެލިއުއެޑް ޕްރޮގުރާމަކާއި ކޮންސްޓްރަކްޝަން ސްޕަވައިޒަރުން ތަމްރީން ޕްރޮގުރާމް ރިލޭ ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލުން މިވަގުތު ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ހަފްލާގެ ހަވާސާގައި ރިލޭ ވަނީ ކޭއޯއާ ހިއްސާކޮށްފަ އެވެ. އެގޮތުން ރިލޭ ފާހަގަކުރެއްވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ، ބަނދަރު އޮފީސް އެޅުމާއި ބޯޒިޔާރާތް ބީޗް ތަރައްގީކުރުމާއި މަށިކުޅީގައި ޕްލެޓްފޯމް އެޅުމާއި އިސްރަށްވެހިގެ ޕާރކާއި ކޮމިއުނިޓީ ޕާރކާއި ކުންބުޓި ޕޯޓަލް އާއި ހުކުރު މިސްކިތާއި ހަސަނާތު މިސްކިތުގެ ބޮޑު މަރާމާތާއި އަމީރު އަމީން ސްކޫލް މަރާމާތާއި ޝަހީދު ހުސެއިން ބިނާ އާއި ނޮލެޖް ސެންޓަރުގެ މެންޓަލް ހެލްތް ފެސިލިޓީ އާއި ރަސްމީ ފާލަމުގެ މަސައްކަތާއި ކުނި ވަކިކުރާ ފެސިލިޓީ އެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ރިލޭ ވިދާޅުވީ، ކައުންސިލަށް މި ހުރިހާ ޕްރޮޖެކްޓްސްއެއް ހިންގެނީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބުނު ބާރާއެކީ ކަމަށާއި މިއަދުވެސް އެ ބާރުތައް ގެއްލިއްޖެނަމަ އެ ފްރޮޖެކްޓްތަކާއި ޕްރޮގުރާމްތައް ނުހިންގޭނެ ކަމަށެވެ. އަދި މަރުކަޒީ ނިޒާމަކަށް ބަދަލުވެއްޖެނަމަ ރަށްތަކުގެ ދިރިއުޅޭ ރައްޔިތުންގެ ކުރިމަގަށް ގެއްލުން ލިބިގެންދާނެކަމުގައި ރިލޭ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355