ރާއްޖޭގެ އުތުރުގެ ތިން އަތޮޅު، ފުރޮޅުލީ ސީޕްލޭން (ޓްވިން އޮޓަރ) ބޭނުންކޮށްގެން ވަރަށް އަވަހަށް ވައިގެ މަގުން ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގްރޭޓާ މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި، މާލެ ސަރަޙައްދަކީ ސެންޓްރަލް ޒޯނުގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ދެ ޒޯން ތަރައްޤީކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަން ސެންޓަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެ ސަރަޙައްދުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވައިގެ މަގުން ޓްވިން އޮޓަރ މަތިންދާބޯޓުތައް ބޭނުންކޮށްގެން ދެކުނުގެ ދަތުރުފަތުރުގެ ވިއުގަ މިހާރު ގުޅާލެވިފައިވާ ކަމަށެވެ. އަދި ހަމައެފަދައިން، އުތުރުގެ ދަތުރުފަތުރުގެ ނިޒާމުވެސް ޓްވިން އޮޓަރ މެދުވެރިކޮށް ގުޅުވާލުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އަދި މި ސަރަޙައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތަކާއި، ސްކޫލްތައް ޤާއިމްކުރެވި، ރައްޔިތުންގެ ފަހި ދިރިއުޅުމަކަށް ބޭނުންވާ ހިދުމަތްތައް ގާޢިމްކުރުމުގެ މަސައްކަތްތައް މިހާރު ތަރުތީބުކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިކަންކަން ތަންފީޒުވެ، ހިދުމަތްދެވެން ފެށުމުން، ރައްޔިތުންގެ އަމިއްލަ އިސްނެގުމަށް، އެސަރަޙައްދުތަކަށް މީހުން ބަދަލުވުމުގެ މަސައްކަތްތައްވެސް ފެށިގެންދާނޭކަމުގައި ރައީސް ވިދާޅުވިއެވެ.
މިފަދަ އެއްފަސްކުރުމުގެ ސިޔާސަތެއް ދައުލަތުން ތަންފީޒުކުރަމުންދާ އިރު، ކޮންމެ ރަށަކަށް ވަކި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަޝްރޫޢުތައް ހިންގަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރު، ފުލުހުންގެ ޚިދުމަތް، އޭޓީއެމްގެ ޚިދުމަތް، އަދި ހެލްތް ސެންޓަރުގެ ޚިދުމަތް ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހިދުމަތްތައް ފޯރުކޮށްދެނީ، ޤާނޫނު އަސާސީއިން ލިބިދޭ ހަމަހަމަކަމުގެ ހައްޤުގެ ދަށުން، އެއްވެސް ރައްޔިތެއް އިސްތިސްނާނުކުރެވޭ އުސޫލުގެ ދަށުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިއީ ރާވައިގެން، ރައްޔިތުންގެ ލާބައަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއްކަމުގަައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




