ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ކުރީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލައިގެ ތަހުގީގަށް 30 ދުވަހުގެ މުއްދަތެއް އޭނާގެ ބަންދަށް ދީފައެވެ.
ކޯޓުން ނެރުނު ބަންދު އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަނެ، ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް، މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީޚެއް އަދި ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލާގައި ހައްޔަރު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަކީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތައް އޭނާ ވަނީ މުޅިން ދޮގުކުރައްވާފައެވެ.
ޝާހިދުގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑު ތުހުމަތެއް ކުރެވިފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އޭނާ ފާޅުކަން ބޮޑު ގޮތެއްގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.