ތިލަދުންމަތީގެ ބައްތެލިތަކުގެ ރިޔާތައް ފެނުމުން ރަސްކަމުގައި ތިއްބެވި ބޭފުޅުންނަށް ހިމޭނުން ތިބެން ދަތިވާނެ ކަމަށް ވިދާޅުވެ ކުޅުދުއްފުށީ ސިޓީ ކައުންސިލަރު ރިލްވާން މުހައްމަދު (ރިލޭ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރިލޭ މިހެން ވިދާޅުވީ ހދ އަތޮޅުގެ ރަށްތަކުގެ ވެރިން އަތޮޅުގެ ތަރައްގީއަށް ގުޅިގެން އެކުގައި މަސައްކަތްކުރާނެ ބޯޑެއް އެކުލަވާލަން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ނިންމި ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭކަމަށް އެލްޖީއޭ އިން ބުނެ މޭޔަރ އާތިފަށް އެލްޖީއޭއިން ފޮނުވި ސިޓީއާއި ގުޅިގެނެވެ.
މޭޔަރު އާތިފަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ، ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުރުއަރާކަމެއްކަމަށާއި އަދި އެ ބޯޑުގެ ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެލްޖީއޭގެ ސިޓީގައިވެ އެވެ.
ރިލޭ ވިދާޅުވީ ތިލަދުންމަތީގެ ބައްތެލިތަކުގެ ރިޔާތައް ފެނުމުން، ރަސްކަމުގައި ތިއްބެވި ބޭފުޅުންނަށް ހިމޭނުން ތިއްބަވަން ދަތިފުޅުވާނެކަން ކަށަވަރުކަމަށާއި ނަމަވެސް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން، ރަށްތަކުގެ ތަރައްގީއަށް ކައުންސިލްތަކުން އިސްނަގައިގެން ކުރާ މިފަދަ ފައިދާހުރި މަސައްކަތްތައް ހުއްޓުވަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ރިލޭ އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ މޭޔަރާއި ހދ އަތޮޅުގެ ކައުންސިލްތައް އެކުވެގެން ފަށާފައިވާ މި ވަރުގަދަ މަސައްކަތެއް ނުހުއްޓުވޭނެކަމަށެވެ.
ގާނޫނުތަކަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު ލެވެލްގައި މަސައްކަތްކުރަމުންދިޔަ ދިޔުން ސަރުކާރުން ވަނީ ހުއްޓުވާލާފަ އެވެ.




