ގޭބިސީތަކުގެ ފުރާޅުތަކުގައި ސޯލާ ހަރުކޮށް ގޭދޮށު އިންޖީނުގެ ތައާރަފުކޮށް ރައްޔިތުންގެ ޖީބަށް ލުއިކުރާނެކަމުގައި ސިޓީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުޅުދުއްފުށީ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން މިމަހު 24 ވަނަ ދުވަހުގެ ރޭ ބޭއްވި 'ސިޔާސަތު -1' ޖަލްސާގައި ވާހަކަދައްކަވަމުން ރިލޭ ވިދާޅުވީ، ސަރުކާރުން ކަރަންޓް 'އޮޅުވާލައި' ހިތުހުރި ގޮތެއް ރައްޔިތުންނަށް ހަދަމުންދާ ކަމަށާއި ރައްޔިތުންގެ ޖީބަށް އެބުރަ ޖައްސަމުންދާ ކަމަށެވެ.
' އެހެންވެ އަޅުގަނޑުމެން މިތިބީ ދެވަނަ ދައުރަކަށް ނުކުމެ އެކަމަށް ހައްލު ހޯދައިދިނުމަށްޓަކާ'. ދެވަނަ ދައުރަކަށް ސިޓީ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ރިލޭ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ސިޔާސަތުތަކުގެ ބައެއް ހާމަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިލޭ ވިދާޅުވީ، ގޭދޮށު އިންޖީނުގެއަކީ ރައްޔިތު މީހާގެ ޖީބަށްވާނެ ލުޔެއް ކަމަށާއި އެކަން ކުރާނެ ގޮތް ފެންނަ ކަމަށެވެ. ރިލޭ ވިދާޅުވީ، ކޮންމެ ގެޔެއްގެ ފުރާޅަކީ އިންޖީނުގެ އެއް ކަމަށާއި އެކަން ކާމިޔާބުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ މިކަންކުރަން. އަޅުގަނޑުމެނަން ފެންނަނީ ކޮންމެގެއެއްގެ އިން ފުރާޅަކީ އިންޖީނުގެއެއްގެ ގޮތުގަ. އަޅުގަނޑުމެން މި މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނަން. އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނެޓް މީޓަރިންގގެ އުސޫލު. މިއަށް އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ހޭލާ ތައްޔާރުވެގެން. އަޅުގަނޑުމެން މިކަން ކުރާނީ ހައިބުރެޑް އިންވާޓަރ ބެޓެރި ނިޒާމަކުން." ރިލޭ ވިދާޅުވި އެވެ.
'ގޭދޮށު އިންޖީނުގެ' ހިންގާނެ ގޮތް މިތިބީ ލިޔެ، އެކަމަށް ތައްޔާރުވެގެން ކަމަށާއި މިކަން ކުރިއަށްނުދޭން [ސަރުކާރުން] ވަރަށް ޖެއްސުންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބަ ޓީމަކީ މި މަސައްކަތް ކުރެވޭވަރު ގާބިލު ޓީމެއް. އިރާދަކުރެއްވިއްޔާ ތި ރައްޔިތުންގެ ޖީބަށް އަޅުގަނޑުމެން ލުއި ހޯދައިދޭނަން." ރިލޭ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އުފެދި މިސްކިތްތަކުގެ ފުރާޅުގައި ސޯލާ ހަރުކޮށް ގިނަ މިސްކިތްތައް ވަނީ އޭސީކޮށްފަ އެވެ. އަދި މިހާރުވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި ސޯލާ ހަރުކުރުމުގެ މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.




